Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން މުުހުލަތެއް

އިންފޮމޭޝަން ކޮމިޝަނަރު.

މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި، އެ މީހުންގެ މުސާރައަށް ހިނގާ ހަރަދުތަކުގެ ތަފްސީލު ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމްއިން) ރައީސް އޮފީހަށް އަންގައިފި އެވެ.

އެ މައުލޫމާތު ހިއްސާ ކުރަން އިއްޔެ އަމުރެއް ނެރެފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'އަދަދު' ނޫހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ ނޫހުން އެދިފައި ވަނީ 2023-2026 އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދާއި، ވަކިކުރި ނުވަތަ އިސްތިއުފާ ދިން މީހުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންނަށް ދައުލަތުން ހޭދަކުރާ މިންވަރުގެ ތަފްސީލު ހޯދުމަށެވެ.

މިކަމާ ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، އެދިފައިވާ މައުލޫމާތު ހިފެހެއްޓޭނެ ގާނޫނީ އެއްވެސް އަސާސެއް ރައީސް އޮފީހަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންވެ އެ މައުލޫމާތުތައް އެދިފައިވާ މިންވަރަށް ދިނުމަށް އަމުރުކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި މައުލޫމާތު ހާމަނުކޮށްފި ނަމަ، އެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް އެ މައުލޫމާތު ހާމަކުރަން ރައީސް އޮފީހަށް 10 ދުވަހުގެ މުހުލަތެއް ދިނެވެ. އެއީ މިދިޔަ މާޗް މަހުގެ 8 ގަ ނަމަވެސް އެ މުއްދަތުގައި މައުލޫމާތު ހާމަނުކޮށް، ރައީސް އޮފީހުން ބުނެފައި ވަނީ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތެއް ކުރިއަށްދާ ކަމަށާއި، މައުލޫމާތު ހާމަކުރާނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ވައުދެކެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް ވުރެ ގިނަ ކަމަށް އިދިކޮޅު އެމްޑީޕީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.