Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ޓެކްސް ކޮމިޝަނަރުގެ މަގާމަށް 2 ނަމެއް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ) ގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަޤާމު ހުސްވީ އެ މަޤާމުގައި އެންމެ ފަހުން ހުންނެވި ހަސަން ޒަރީރު މިދިޔަ މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރުމާ ގުޅިގެންނެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ފޮނުއްވި ދެ ނަމަކީ ހއ. ތަކަންދޫ، ސާދާގެ މުޙައްމަދު ހަލީމް ޢަބްދުﷲ އާއި ގދ. ގައްދޫ، ކޯޒީރައުންޑް ފާތިމަތު އަމީޒާގެ ނަމެވެ.

ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ރައީސްގެ މަގާމުގައެވެ.

އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.

އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އަދި މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.