Last Updated: July 10, 21:44
Friday, July 10, 2026
ޚަބަރު

ފުރިހަމަނުވާ ވިޔަފާރި އެޕްލިކޭޝަންތައް ނިންމަން އިތުރު ވަގުތު

ފުރިހަމަނުކޮށް ހުރި ވިޔަފާރި އެޕްލިކޭޝަންތައް ނިންމުމުގެ ފުރުޞަތެއް ހުޅުވާލައިފި އެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ "ބިޒްނަސް ޕޯޓަލް" މެދުވެރިކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން، ބައެއް މަރުޙަލާތައް ފުރިހަމަނުކޮށް އަދި ފައިސާ ނުދައްކައި ހުރި ހުށަހެޅުންތައް ފުރިހަމަކުރުމުގެ މުއްދަތެއް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕޯޓަލް މެދުވެރިކޮށް ގިނަ އަދަދެއްގެ އެޕްލިކޭޝަން ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން ބައެއް ހުށަހެޅުންތައް އެކި މަރުޙަލާތަކުގައި ފުރިހަމަނުވެ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެހެންވެ އެފަދަ އެޕްލިކޭޝަންތައް ފުރިހަމަކޮށް، ފައިސާ ދައްކައި ނިންމުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

މި ފުރުޞަތުގެ ދަށުން ފުރިހަމަ ކުރެވޭނެ އެޕްލިކޭޝަންތަކަކީ:

* ކުންފުނީގެ ނަން ރިޒާވްކުރުމަށް އެދި ހުށަހަޅައި، ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން ފުރިހަމަނުވެ ހުރި އެޕްލިކޭޝަންތައް
* ވިޔަފާރި ނުވަތަ ނަން ރިޒާވްކުރުމަށް ފަހު، ރަޖިސްޓްރީކުރުމުގެ މަރުޙަލާ ފުރިހަމަނުކޮށް ހުރި ހުށަހެޅުންތައް
* ރަޖިސްޓްރީކުރުމަށް ފޯމު ހުށަހަޅައި، ފައިސާ ނުދެއްކުމުގެ ސަބަބުން މުޅިން ނުނިމި ހުރި އެޕްލިކޭޝަންތައް
* އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަން ރިޒާވްކޮށް، ނަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ފުރިހަމަނުވާ އެޕްލިކޭޝަންތައް
* ނަން ބަދަލުކުރުމުގެ ފޯމު ފުރިހަމަކޮށް، ފައިސާ ދެއްކުމާ ހަމައަށް ގޮސް ފައިސާ ނުދައްކާ ހުރި ހުށަހެޅުންތައް

މި އެޕްލިކޭޝަންތައް ފުރިހަމަކުމަށް ދީފައިވާ ސުންގަޑި ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ. މިމި މުއްދަތު ހަމަވާއިރު ނުނިމި ހުންނަ އެޕްލިކޭޝަންތައް، އިތުރު އެންގުމަކާ ނުލައި ސިސްޓަމުން ބާޠިލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު 3333188 ނުވަތަ 3333169 އިން ހޯދޭނެ އެވެ.