އަންނަ މަހު ބާއްބާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އުރީދޫ ބިޒްނަސް ހަމަޖައްސައިފި އެވެ.
އެ ފޯރަމް އޮންނާނީ އަންނަ މަހުގެ 18 ގައި ހުޅުމާލޭގެ ގްރޭންޑް ޕާކް ސައިޑް ބައި ވަން ސެންޓްރަލް ޕާކްގަ އެވެ.
މި ފޯރަމަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށް ބާއްވާ އެންމެ މުހިންމު އެއް ފޯރަމެވެ.
ފޯރަމް އިންތިޒާމު ކުރަނީ މީޑިއަމް އިވެންޓްސްގެ ފަރާތުންނެވެ. މި ފޯރަމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީ) ގެ ފުރިހަމަ ތާއީދު ލިބިފައިވެ އެވެ.
ފޯރަމްގައި ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ދާއިރާގެ އިސް ވެރިން އެއްތަނަކުން ބައްދަލުވެ، މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތް ތަނުގައި ފަހިވެފައިވާ ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ އެވެ.
އުރީދޫން ބުނީ ސްމާޓް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުރީދޫން މަގުފަހިކޮށް ދޭނެ ކަމަށާއި މިއީ ޒަމާނީ ވަސީލަތްތަކާ އެކު ދިވެހި އިމާރާތްކުރުމުގެ ދާއިރާ އިތުރަށް ގުޅުވާލައި، ކުރިއެރުވުމަށް އެޅޭ ބިންގަލެއް ކަމަށެވެ.
ފޯރަމަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް މިހާރު އަންނަނީ ޓިކެޓް ވިއްކަމުންނެވެ.