Last Updated: July 6, 21:47
Monday, July 6, 2026
ދުނިޔެ

"އަހުރެމެންނަށް ކަދުރާއި، ފެނުން ދިރިއުޅެވިދާނެ"

"އަހުރެމެންނަށް ކަދުރާއި، ފެނުން، ދިރިއުޅެވިދާނެއެވެ. އެކަމަކު، ޤުދުސްގެ އެންމެ އިންޗިއެއް ވެސް ދުވަހަކު ވެސް ދޫކޮށެއް ނުލާނަމެވެ." މި ތާރީޚީ ޤައުލު ނިސްބަތް ކުރެވެނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ފައިސަލް ބިން ޢަބުދުލްޢަޒީޒަށެވެ.

ސަޢޫދީގެ ކުރީގެ ރަސްގެފާނު ފައިސަލް ބިން އަބްދުލްޢަޒީޒަށް ނިސްބަތްކުރެވޭ މި ބާރުގަދަ ޤައުލު އަނެއްކާ ވެސް އިޖުތިމާޢީ މަންސަތަކުގައި ދަނީ ފުޅާދާއިރާއެއްގައި ޙިއްޞާ ކުރަމުންނެވެ. އެ ޤައުލު ރަމުޒުކޮށްދެނީ ފަލަސްޠީނާއި، އަލްޤުދުސްއާއި، އިސްލާމީ ދުނިޔެއާ މެދު އޮތް ޖަޒުބާތީ ވަރުގަދަ ގުޅުމެވެ.

ޚާއްސަކޮށް 1973 ވަނަ އަހަރު ޢަރަބި އިޒުރޭލުގެ ހަމަނުޖެހުންތަކުގައި އޭނާ އަދާކުރެއްވި ދައުރުގެ ސަބަބުން، 20 ވަނަ ޤަރުނުގެ އިސްލާމީ އިސްވާރުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހަނދާންކުރާ އެއް އިސްވާރުގެ ގޮތުގައި، ފައިސަލް ރަސްގެފާނު ދެމިހުންނެވިއެވެ. ސިޔާސީ އިބުރާޒެއްގެ ގޮތުގައި ތެޔޮ ބޭނުންފުޅު ކުރެއްވުމާއި، އަދި އޭނާގެ މަޝްހޫރު ފިކުރުކަމަށްވާ، ހުޅަނގުގެ ބާރުތަކަށް ތެލާއި ނުލައި ދިރިނޫޅެވޭނޭ ކަމާއި، ސަހަރާގެ ޢަރަބިން ބޭނުން ވެއްޖެނަމަ، ކަދުރާއި، ކިރަށް އަނބުރާ އިޢާދަވެވިދާނެ ކަމަށް ބުނާ ބުނުން، ތާރީޚީ މަސްދަރުތަކުން އޭނާއާ ގުޅުވާލައެވެ.

ގިނަ ބަޔަކަށް އެ މެސެޖަކީ ޤައުލަކަށް ވުރެ މާ މުހިންމު މެސެޖެކެވެ. އެ ޤައުލު ތަމްސީލުކޮށް ދެނީ ކަރާމާތާއި، ޤުރުބާނީއާއި، ސާދާކަމާއި، އަދި ވަކި ޤަޟިއްޔާއަށްޓަކާ ނަންގަވާފައިވާ ސާބިތު މައުޤިފެއްގެ ގޮތުގައެވެ. އިޖުތިމާޢީ މަންސަތައް ބޭނުންކުރާ މީހުން ގޮވަނީ، އެ ޤައުލަކީ، ހަރުދަނާ މަބާދިއުތައް ނުވަތަ އުސޫލުތައް ބިނާވަނީ މުއްސަނދިކަމާއި، އަރާމާއި، ދުނިޔޭގެ ފިއްތުންތަކުގެ މައްޗަށް ނޫންކަމުގެ، ހަނދުމަކޮށް ދިނުމެއް ކަމަށެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.