Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ޒުވާން ޚަތީބުންގެ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ޒުވާން ޚަތީބުންގެ ގައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މަހާސިންތާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 13 ގައި މާލޭގައި ކަމަށެވެ.

އެހެންވެ އޭގައި ބައިވެރިވާން ބޭނުންވާ ޒުވާން ޚަތީބުންނަށް މިހާރު ވަނީ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ސުންގަޑި ހަމަވާނީ މި މަހުގެ 15 ގެ މެންދުރު ފަހު 2:00 އަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ މި ލިންކް forms.gle/JVt2q2sodvfGZZLj9 މެދުވެރިކޮށެވެ.

ޒުވާން ޚަތީބުންގެ މަހާސިންތާގައި މިހާރު ވެސް އިމާމުކަމުކަން އަދި ޚަޠީބުކަން ކުރަމުން އަންނަ 30 އަހަރު ނުފުރޭ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި ޒުވާން ޚަތީބުންގެ ތެރެއިން މަހާސިންތާގައި ބައިވެރިވެވޭނީ ޒުވާން ޚަތީބުންގެ ޓްރޭނިން ނިންމައި ސެޓްފިކެޓް ޙާޞިލްކޮށްފައިވާއި ޚަތީބުނާއި ފާއިތުވި ދެ ރޯދަ މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށެވެ.

ޒުވާން ޚަތީބުންނަށް މަހާސިންތާއެއް ބާއްވާ އިރު، ޒުވާން ޚަތިީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ އިސްލާމިކް މިނިސްޓްރީން 2024 އިން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ހަތަރު ބުރެއްގެ މަތިން މިހާތަނަށް 621 ޒުވާން ޙަތީބުން ތަމްރީނުކޮށްފައިވެ އެވެ.

އަދި މި މަހުގެ ތެރޭގައި މީގެ 5 ވަނަ ބުރު ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

ޒުވާން ޚަތިީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅައިގެން ވެސް މީގައި ބައިވެރިވެ އެވެ.