Last Updated: July 7, 20:14
Tuesday, July 7, 2026
ރިޕޯޓް

މިސްކިތްތައް ބިނާކުރުމުގެ އަޙްކާމްތަކާއި މާތްކަން

އައްޑޫ ހުޅުދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށް ދިން މިސްކިތެއް.

ބަހަވީ ގޮތުން ބަލާއިރު މިސްކިތަކީ "މަސްޖިދު" (މިސްކިތް) މި ބަސް ނެގިފައި ވަނީ "ސުޖޫދު" އިންނެވެ. އެއީ މަޑުމޮޅިވުމާއި ކިޔަމަންތެރިވުމެވެ. އެހެންކަމުން މިސްކިތަކީ "ސުޖޫދުކުރާ ތަނެވެ."

ޝަރުޢީ ގޮތުން މިސްކިތް ދެ މާނައެއްގައި ބޭނުންކުރެވެއެވެ. ޢާންމު މާނައިގައި މިސްކިތަކީ ބިމުގެ ތެރެއިން ނަމާދުކުރުން ހުއްދަ ކޮންމެ ތަނެކެވެ. އެއީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ މި ޙަދީޘްފުޅާ ގުޅިގެންނެވެ. «وَجُعِلَتْ لِيَ الْأَرْضُ مَسْجِدًا وَطَهُورًا، فَأَيُّمَا رَجُلٍ مِنْ أُمَّتِي أَدْرَكَتْهُ الصَّلَاةُ فَلْيُصَلِّ» (رواه البخاري ومسلم) މާނައީ: "ތިމަންކަލޭގެފާނަށްޓަކައި މުޅި ބިން އެއީ މިސްކިތެއް ކަމުގައްޔާއި ޠާހިރުކުރަނިވި އެއްޗެއް ކަމުގައިލެއްވުނެވެ. ފަހެ، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހަކަށް ނަމާދު ވަގުތު ބައްދަލުވެއްޖެނަމަ، އޭނާ އެތަނެއްގައި ނަމާދުކުރާ ހުއްދައެވެ."

ޚާއްޞަ މާނަ (މިތާނގައި މިއިޝާރާތްކުރާ މާނަ): އެއީ ފަރުޟު ފަސް ނަމާދު ޖަމާޢަތުގައި ކުރުމަށްޓަކައި ދާއިމީ ގޮތަކަށް ތައްޔާރުކޮށް، ވަޤުފްކުރެވިފައިވާ ތަނެވެ. އެތަން އަމިއްލަ ފަރުދުންގެ މިލްކުވެރިކަމުން ބޭރުވެ، "ﷲއަށްޓަކައިވާ ވަޤުފަކަށް" ބަދަލުވެއެވެ.
ދެވަނަ މާނަ: މިސްކިތެއްގެ ބިމުގެ އަޑިން ފެށިގެން އުޑާ ހަމައަށް އެއީ މިސްކިތް ކަމުގައިވުން ޝަރުޠުވޭ ހެއްޔެވެ؟
މިއީ ފިޤުހީ ގޮތުން ވަރަށް މިއީ މުހިންމު ޒަމާނީ މައްސަލައެކެވެ. ފުޤަހާއިންގެ މެދުގައި މިއަށް ކިޔަނީ "މިސްކިތަކީ ބިމުގެ އަޑިން ފެށިގެން އުޑާ ހަމައަށް ހެއްޔެވެ؟" މި މައްސަލައެވެ. މީގައި ތަފްޞީލެއްވެއެވެ.

ޖުމްހޫރު ފުޤަހާއިންގެ އަޞްލު އުޞޫލު:

ހަތަރު މަޒްހަބުގެ އިމާމުންގެ އަރިހުގައި އަޞްލަކީ، ތަނެއް މިސްކިތެއްގެ ގޮތުގައި ވަޤުފްކޮށްފިނަމަ، އެތަނެއްގެ އެންމެ ފުލުން (ބިމުގެ އަޑިން) ފެށިގެން އުޑާ ހަމައަށް (ވައިގެ ސަރަޙައްދު) އެއީ މިސްކިތެވެ. އެހެންކަމުން، މިސްކިތުގެ މަތީގައި އަމިއްލަ ބޭނުމަށް ގެދޮރު އެޅުމާއި، ނުވަތަ މިސްކިތުގެ ދަށުގައި އަމިއްލަ މީހުން މިލްކުކުރާ ފިހާރަ ހެދުން މަނާކުރެއްވިއެވެ. އެއީ މިސްކިތުގެ މަތީ ވައިގެ ސަރަޙައްދާއި ތިރީ ބިންވެސް ވަނީ މިސްކިތަށް ތާބިޢުވެގެން ކަމަށްވާތީއާއި، މިސްކިތުގެ ޙުރުމަތް ކެނޑުމާއި އުނދަގޫތަކުން ރައްކާތެރިކުރުމަށެވެ.

އިސްތިސްނާ އަދި ޒަމާނީ ފަތުވާ:

ޒަމާނީ ބޮޑެތި ރަށްތަކުގައި ބިން ދަތިވުމާއި، ބިމުގެ އަގު ބޮޑުވުމާއި، އަދި މިސްކިތްތައް ބެލެހެއްޓުމަށްޓަކައި އާމްދަނީ ލިބޭނެ ވަޤުފްތައް (މިސްކިތް ދަށުގައި ހުންނަ ފިހާރަ ފަދަ) ބޭނުންވުމާއި، ނުވަތަ މީހުން ދިރިއުޅޭ ޢިމާރާތެއްގެ ތިރީ ބައިގައި މިސްކިތެއް ހަދަން ޖެހުމުން، ޒަމާނީ ފިޤުހީ މަޖްލިސްތަކުން (އިސްލާމީ ފިޤުހު އެކަޑަމީ، މިޞްރުގެ ދާރުލް އިފްތާ، އަދި ސައުދީގެ ދާއިމީ ކޮމިޓީ ފަދަ) އެކަން ހުއްދަކޮށް ފަތުވާދީފައިވެއެވެ. އެއީ އަންނަނިވި ކަންކަމަށް ބިނާކޮށެވެ.

ޙަންބަލީ މަޒްހަބާއި ބައެއް ޙަނަފީ ފުޤަހާއިންގެ ރައުޔު: އެބޭފުޅުން ހުއްދަކުރައްވައެވެ. އެއީ ފެށުނުއިރު ވެސް "ވަޤުފްކުރި މީހާގެ ޝަރުޠަކީ" އެއީ ކަމުގައިވާނަމަ، ޢިމާރާތުގެ ތިރީބައި މިސްކިތަކަށް ހަދާފައި މަތީބައި ގެދޮރަށް ހެދުން ނުވަތަ އެއާ އިދިކޮޅަށް ހެދުމެވެ. ފިޤުހީ ޤާއިދާގައިވެއެވެ: «شَرْطُ الْوَاقِفِ كَنَصِّ الشَّارِعِ» މާނައީ: "ވަޤުފްކުރާ މީހާގެ ޝަރުޠަކީ ޝަރުޢީ ނައްޞެއް ފަދަ އެއްޗެކެވެ."

މަޞްލަޙަތާއި ބޭނުން ޖެހުން، މިސްކިތުގެ މަތީގައި ހަދާ ފްލެޓްތަކަކީ އެއިން ލިބޭ ކުލި މިސްކިތަށް ޚަރަދުކުރާ ވަޤުފަކަށް ވާނަމަ، ނުވަތަ އެއީ އިމާމާއި މުއައްޛިނު ދިރިއުޅޭނެ ތަނެއް ކަމުގައިވާނަމަ، މިއީ މިސްކިތުގެ މަޞްލަޙަތަށްޓަކައި ހުއްދަ ކަމެއް ކަމަށް ޒަމާނީ ޢިލްމުވެރިން އިއްތިފާޤުވެއެވެ.

ފިޤުހީ ޚުލާޞާ: އެންމެ ފުރިހަމަ އަދި އެންމެ މޮޅު ގޮތަކީ، މިސްކިތަށް މާތްކޮށް ހިތުމުގެ ގޮތުން ބިމުން ފެށިގެން އުޑާ ހަމައަށް އެއީ ވަކި މިސްކިތެއްގެ ގޮތުގައި ހުރުމެވެ. ނަމަވެސް، މިސްކިތް ބިނާކުރުމުގެ ކުރިން އޭގެ އިންޖިނިއަރިންގ ޑިޒައިނާއި "ވަޤުފްގެ ސީޣާ" ގައި އެކަން ކަނޑައަޅައިފައިވާނަމަ، މިސްކިތުގެ މަތީގައި ނުވަތަ ދަށުގައި އެހެނިހެން ބައިތައް ނުވަތަ އެޕާޓްމަންޓް ހެދުން ޝަރުޢީގޮތުން ހުއްދައެވެ. އެއީ މަތީގައި ހަދާ ބައިގެ ސަބަބުން މިސްކިތުގެ ޙުރުމަތް ކެނޑޭ ފަދަ ކަމެއް (މިސާލަކަށް ނަޖިސްވެދާނެ ފަދަ ގޮތަކަށް ނަރުދަމާ ހޮޅިތައް ހުރުން) ނުވުމާއި، ނަމާދުކުރާ މީހުންނަށް އުނދަގޫނުވާނެ ޝަރުޠުގައެވެ.

މިސްކިތްތަކުގެ މާތްކަމާއި މަތިވެރިކަން:

މިސްކިތްތަކަކީ އިސްލާމީ މުޖުތަމަޢުގެ ވިންދެވެ. އޭގެ މާތްކަމާ ބެހޭގޮތުން ގިނަގުނަ ނައްޞުތައް އައިސްފައިވެއެވެ. އެއީ ބިމުގައި ﷲގެ ޙަޟްރަތުގައި އެންމެ ލޯބިވެތި ބިމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: «أَحَبُّ الْبِلَادِ إِلَى اللهِ مَسَاجِدُهَا، وَأَبْغَضُ الْبِلَادِ إِلَى اللهِ أَسْوَاقُهَا» (رواه مسلم). މާނައީ: "މާތް ﷲގެ ޙަޟްރަތުގައި ރަށްތަކުގެ ތެރެއިން އެންމެ ލޯބިވެތި ތަންތަނަކީ އެތަންތަނުގެ މިސްކިތްތަކެވެ. އަދި އެންމެ ބޮޑަށް ކޯފާލައްވާ ތަންތަނަކީ ބާޒާރުތަކެވެ."

މާތްކޮށް ހިތުމުގެ ނިސްބަތް: މާތް ﷲ ތަޢާލާ ވަނީ މިސްކިތްތައް އެކަލާނގެ ޒާތުފުޅަށް ނިސްބަތްކުރައްވާފައެވެ. އެއީ މާތްކުރުމުގެ ގޮތުންނެވެ. ވަޙީކުރެއްވިއެވެ: ﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾ (سورة الجن: 18). މާނައީ: "އަދި ހަމަކަށަވަރުން، މިސްކިތްތައް ވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲ އާ އެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާށެވެ!"

މިސްކިތަށްދާ މީހުންގެ ފާފަ ފުއްސެވުމާއި ދަރަޖަ މަތިވެރިވުން: ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «مَنْ تَطَهَّرَ فِي بَيْتِهِ، ثُمَّ مَشَى إِلَى بَيْتٍ مَنْ بُيُوتِ اللهِ لِيَقْضِيَ فَرِيضَةً مِنْ فَرَائِضِ اللهِ، كَانَتْ خَطْوَتَاهُ إِهْدَاهُمَا تَحُطُّ خَطِيئَةً، وَالْأُخْرَى تَرْفَعُ دَرَجَةً» (رواه مسلم). މާނައީ: "އަމިއްލަ ގޭގައި ވުޟޫކޮށް ޠާހިރުވެ، އެއަށްފަހު ﷲގެ ފަރުޟުތަކުގެ ތެރެއިން ފަރުޟެއް އަދާކުރުމަށް ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް ހިނގައިދެއްޖެ މީހާގެ (ފިޔަވަޅުތަކުގެ ތެރެއިން) އެއް ފިޔަވަޅުން ފާފައެއް ފުހެވިގެންދެއެވެ. އަދި އަނެއް ފިޔަވަޅުން ދަރަޖައެއް މަތިވެރިވެގެންދެއެވެ."

މާތް ﷲގެ މެހުމާންދާރީ: ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «مَنْ غَدَا إِلَى الْمَسْجِدِ أَوْ رَاحَ، أَعَدَّ اللهُ لَهُ فِي الْجَنَّةِ نُزُلًا، كُلَّمَا غَدَا أَوْ رَاحَ» (رواه البخاري ومسلم) މާނައީ: "ހެނދުނު ނުވަތަ ހަވީރު މިސްކިތަށް ހިނގައްޖެ މީހަކަށް، އޭނާ ހެނދުނު ނުވަތަ ހަވީރު ދިޔަ ކޮންމެ ފަހަރަކު، ސުވަރުގޭގައި މެހުމާންދާރީގެ މާލަމެއް (މަރުޙަބާގެ ކެއުމެއް) ﷲ ތައްޔާރުކޮށްދެއްވައެވެ."

މިސްކިތް ބިނާކުރުމުގެ (ޢިމާރާތްކުރުމުގެ) މަފްހޫމާއި އޭގެ ހިތްވަރުލައި ދިނުން

މިސްކިތްތައް ޢިމާރާތްކުރުމަކީ ހަމައެކަނި އިންޖިނިއަރިން ދެއްކުންތެރި ކަމެއް ނޫނެވެ. އެއީ އީމާންކަން ސާބިތުވާ ކަމުގެ ދަލީލެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ﴾ (سورة التوبة: 18) މާނައީ: " ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންނެވެ. ފަހެ، އެބޭފުޅުން ތެދުމަގުލިބުނު މީހުންގެ ތެރެއިން ވުން ގާތްވެގެންވެއެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ މިސްކިތް ބިނާކުރުމަށް ބާރުއަޅުއްވައި، އޭގެ ބަދަލުގައި ބޮޑުވެގެންވާ ދަރުމަ ހުރިކަން ބަޔާންކޮށްދެއްވާފައެވެ. «مَنْ بَنَى مَسْجِدًا لِلَّهِ، بَنَى اللهُ لَهُ فِي الْجَنَّةِ مِثْلَهُ» (رواه مسلم) މާނައީ: "މާތް ﷲ އަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް، ސުވަރުގޭގައި އެފަދަ ގަނޑުވަރެއް ﷲ ބިނާކޮށްދެއްވާނެއެވެ." އަދި އެހެން ރިވާޔަތެއްގައިވެއެވެ. «مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ، أَوْ أَصْغَرَ، بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ» (رواه ابن ماجه) މާނައީ: "މާތް ﷲ އަށްޓަކައި، ދޫންޏެއްގެ ކުޑަ ހާއްޔެއްގެ މިންވަރަށް، ނުވަތަ އެއަށްވުރެ ކުޑަ މިންވަރަކަށް ނަމަވެސް މިސްކިތެއް ބިނާކޮށްފި މީހަކަށް، ސުވަރުގޭގައި ގަނޑުވަރެއް (ގެއެއް) ބިނާކޮށްދެއްވާނެއެވެ."

މިސްކިތް ޢިމާރާތް ކުރުމުގެ ބައިތައް:

މިސްކިތް ޢިމާރާތްކުރުން ދެ ބަޔަކަށް ބެހިގެންވެއެވެ. މިއީ އެކަތި އަނެކައްޗާ ގުޅިފައިވާ ދެބައެވެ.

ޙިއްސީ (މާއްދީ) ޢިމާރާތްކުރުން:

މީގެ ތެރޭގައި މިސްކިތް ބިނާކުރުން، މަރާމާތުކުރުން، ބޮޑުކުރުން، ކާޕެޓް އެޅުން، އަލިކުރުން، އޭސީކުރުން، ސާފުކުރުން އަދި މީރުވަސް ދުއްވުން ހިމެނެއެވެ. عائشة رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. «أَمَرَ رَسُولُ اللَّهِ صلى الله عليه وسلم بِبِنَاءِ الْمَسَاجِدِ فِي الدُّورِ (أي القبائل والأحياء)، وَأَنْ تُنَظَّفَ وَتُطَيَّبَ» (رواه مسلم) މާނައީ: "ދަރިކޮޅުތަކާއި އަވަށްތަކުގައި މިސްކިތްތައް ބިނާކުރުމަށާއި، އެތަންތަން ސާފުކޮށް މީރުވަސް ދުއްވުމަށް ރަސޫލާ صلى الله عليه وسلم އަމުރުކުރެއްވިއެވެ."

މާއްދީ ޢިމާރާތްކުރުމުގެ މަތިވެރި ވާހަކައެއް: އެއީ މިސްކިތް ކުނިކަހައި ސާފުކުރަން އުޅުނު ކަޅު އަންހެން މީހާ (އުންމު މިޙްޖަން) ގެ ވާހަކައެވެ. އޭނާ ރޭގަނޑެއްގައި ނިޔާވުމުން، ޞަޙާބީން ރަސޫލާ صلى الله عليه وسلم އަށް ނާންގަވައި އޭނާ ވަޅުލެއްވިއެވެ. ރަސޫލާ ﷺ އޭނާ ނުފެނިގެން އެއްސެވުމުން ޞަޙާބީން ދެންނެވިއެވެ: އޭނާ ނިޔާވެއްޖެއެވެ. ޙަދީޘްކުރެއްވިއެވެ. «أَفَلَا كُنْتُمْ آذَنْتُمُونِي؟ دُلُّونِي عَلَى قَبْرِهَا» (رواه البخاري ومسلم) މާނައީ: "ތިމަންކަލޭގެފާނަށް އެކަން ނޭންގީ ކީއްވެ ހެއްޔެވެ؟ ތިމަންކަލޭގެފާނަށް އޭނާގެ މަހާނަ ދައްކަބަލާށެވެ. ދެން އެކަލޭގެފާނު ވަޑައިގެން އޭނާގެ މަހާނަ ކައިރީގައި ކަށުނަމާދު ކުރައްވައި ދުޢާކޮށްދެއްވިއެވެ. މިއީ މިސްކިތް ސާފުކުރާ މީހާގެ ދަރަޖަ މަތިވެރިކަން ދައްކުވައިދޭ ކަމެކެވެ.

މަޢުނަވީ (ރޫޙާނީ) ޢިމާރާތްކުރުން:

މިއީ މާއްދީ ބިނާގެ އަޞްލު މަޤްޞަދެވެ. ނަމާދުކުރާނެ މީހުންނާއި ދީނީ އިލްމު އުނގަންނައިދޭ ބައްދަލުވުންތައް ނެތް މިސްކިތަކީ، މާބްލްއާއި ރަނުން ޒީނަތްތެރިކޮށްފައި ހުއްޓަސް މަޢުނަވީ ގޮތުން "ފަޅު" ތަނެކެވެ.

މަޢުނަވީ ޢިމާރާތްކުރުމުގައި ހިމެނެނީ: ނަމާދު ޤާއިމުކުރުން، ބަންގިގޮވުން، ޤުރުއާން ކިޔެވުން، އިޢުތިކާފަށް އިނުން، އަދި ޛިކުރުގެ މަޖްލިސްތަކެވެ.

ކީރިތި ޤުރްއާނުން ދަލީލު ﴿فِي بُيُوتٍ أَذِنَ اللَّهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ * رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ…﴾ (سورة النور: 36-37) މާނައީ: "އެތަންތާނގައި، އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، اللَّه إذن ދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައި އެކަލާނގެއަށް تسبيح ކިޔައި އުޅެތެވެ. އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: تسبيح ކިޔައި ނަމާދުކޮށް އުޅެނީ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް اللَّه ގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائم ކުޅައުމުންނާއި، زكاة ދިނުމުން، އެއުރެން مشغول ކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެއުރެން ބިރުވެތިވެތެވެ."

ސުންނަތުން ދަލީލު (ޢިލްމީ މަޖްލިސްތައް): ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ، يَتْلُونَ كِتَابَ اللهِ، وَيَتَدَارَسُونَهُ بَيْنَهُمْ، إِلَّا نَزَلَتْ عَلَيْهِمِ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَكُمُ اللهُ فِيمَنْ عِنْدَهُ» (رواه مسلم) މާނައީ: "މާތް ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި ބަޔަކު މީހުން އެއްވެ، ﷲ ގެ ފޮތް ކިޔަވައި، އެ ފޮތުގެ أحكام ތައް ދަސްކޮށް އޮޅުންފިލުވައި ހަދާނަމަ، އެބަޔެއްގެ މައްޗަށް މަޑުމައިތިރިކަން (ސަކީނަތް) ބާވައިލައްވާނެއެވެ. އަދި ރަޙްމަތް އެބަޔަކު ފޮރުވައިލައްވާނެއެވެ. އަދި މަލާއިކަތުން އެބަޔަކު ވަށައިލައްވާނެއެވެ. އަދި އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ ގާތުގައި އެބަޔެއްގެ ޛިކުރު ކުރައްވާނެއެވެ."

ހިތް މިސްކިތާ ގުޅިފައިވުން: ޤިޔާމަތް ދުވަހު ﷲގެ ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތް ބައިމީހުންގެ ތެރޭގައި ހިމެނެއެވެ: «…وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ» (رواه البخاري ومسلم) މާނައީ: "އެމީހެއްގެ ހިތް މިސްކިތްތަކާ ގުޅިފައިވާ މީހާއެވެ."
ޒަމާނީ ފިޤުހީ މައްސަލަތައް (މިސްކިތުގެ ކަރަންޓު ބޭނުންކުރުމާއި ޖޫރިމަނާ ކުރުން)

މި މައްސަލަ ވަންނަނީ "ވަޤުފްގެ އަޙްކާމްތަކުގެ" ތެރެއަށެވެ. އެހެންކަމުން މިސްކިތާއި އޭގެ ވަސީލަތްތައް (ކަރަންޓާއި ފެން ހިމެނޭގޮތަށް) އެއީ އަށްޓަކައިވާ ވަޤުފް މުދަލެވެ. ފިޤުހީ ބޮޑު ޤާއިދާގައިވަނީ «شَرْطُ الْوَاقِفِ كَنَصِّ الشَّارِعِ» އެވެ. ވަޤުފް މުދަލުން މުޢާމަލާތް ކުރަންވާނީ އެ ވަޤުފަށް ފައިދާހުރި ނުވަތަ ޢާންމު ޢުރުފުގައި ހުއްދަ ކަންކަމުގައެވެ.

ނޯޓް: މިއީ ޑރ. މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.