ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓާކާޑު ގުޅިގެން 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓާކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށާއި މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް މާސްޓާކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެ ކަމަށާއި އެ ގޮތުން، ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މަހެއްގެ ތެރޭގައި 5,000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށާއި މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް މާސްޓާކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެކެވެ.
ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެ އެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.
ބޭންކުން ދޫކުރާ މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ތަފާތު އެކި އިނާމުތަކާއި ހާއްސަ ފުރުސަތުތައް ލިބިދޭ ކާޑެއްކަން ބީއެމްއެލުން ފާހަގަކުރެ އެވެ.