ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލުމުގެ އަގުވަޒަންކުރައްވައިފިއެވެ.
ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި މި ޒިޔާރަތުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަފުދާއެކު، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ދިވެހިރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމާއި ދިވެހިރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ޤައުމުންވެސް ވަނީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ، އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޝައުޤުވެރިކަން ދެ ޤައުމުންވެސް ހިއްސާކުރައްވާކަން ހާމަކުރައްވާފައެވެ.