Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

އެމެރިކާއިން ފުލުހުންނަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފި

ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގ ގައި މިއަދު ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މި ތަކެތި ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ފަރާތުން އެންރިކޯ ބޮނިންގސެނާއާއި، މިހްޔަރ އަލް ނިފެއިޑީއެވެ.

މި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގެޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫ.އެން.އޯ.ޑީ.ސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒް އަށާއި ޔޫ.އެން.އޯ.ޑީ.ސީއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިއަދު މި ހަވާލުކުރެވިގެންދިޔަ ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތަކަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިއަދު މި ހަވާލުކުރެވިގެންދިޔަ 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެކެވެ. މީގެ ސަބަބުން ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގުގެ މަރުހަލާތަކަށް އެހީއަކަށް ވެގެންދާނެއެވެ.