Last Updated: July 6, 21:47
Monday, July 6, 2026
ކުޅިވަރު

އެމެރިކާ ފޯވާޑް ކުރީ ފައުލެއް ނޫން، ފީފާގެ ނިންމުން ބަރާބަރު

ފީފާ ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި އެމެރިކާއިން ބޮސްނިއާގެ މައްޗަށް ކުރި ހޯދި މެޗުގައި އެޓީމުގެ ފޯވާޑް ފްލޮރިއަން ބަލޮގަން އަށް ދެއްކި ރަތްކާޑަށް ލުއި ދޭން ފީފާއިން ނިންމީ ބަރާބަރު ނިންމުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެ މެޗުގައި އެމެރިކާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ބަލޮގަން އަށް ރަތްކާޑު ދެއްކީ ދެ ވަނަ ހާފުގައި ބޮސްނިއާގެ ޑިފެންޑަރު، ޓަރެކް މުހަރެމޮވިޗަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެ ރަތްކާޑުގެ ސަބަބުން ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާއިން ކުޅޭ މެޗަށް ބަލޮގަން ހުރީ ސަސްޕެންޑްވެފަ އެވެ.

ނަމަވެސް ފީފާ ޑިސިޕްލިނަރީ ކޮމިޓީން އިއްޔެ ވަނީ ބަލޮގަންގެ މި ރަތް ކާޑުގެ ސަސްޕެންޝަނަށް އަމަލުކުރުން އެއް އަހަރަށް ފަސްކުރަން ނިންމައިފަ އެވެ. ފީފާއިން މި ނިންމުން ނިންމާފައިވަނީ ޓްރަމްޕް އާއި އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެއް އެ ރަތްކާޑު ރިވިއުކުރުމަށް ފީފާއަށް ބާރުއަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ނިންމުމާއެކު ފީފާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ މިކަމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާހަކަ ދެއްކި ކަމަށާއި ހަމައެކަނި އެދިވަޑައިގަތީ ރެފްރީގެ އެ ނިންމުން ރިވިއުކޮށްދިނުމަށް ކަމަށެވެ. އެއީ ފައުލެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެމެރިކާގެ ފޯވާޑް ގޯހެއް ހަދާފައި ނެތް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ފީފާގެ ރައީސްގެ ގާތުގައި ވަކި ގޮތަކަށް ނިންމުމެއް ނިންމަން އެދިވަޑައިގެންފައި ނުވާނެ ކަމަށާއި އެ ނިންމުން ނިންމީ ފީފާގެ މިނިވަން ކޮމިޓީއަކުން ކަމަށްވާއިރު، އެ ކޮމިޓީގެ ނިންމުން ބަރާބަރު ކަމަށެވެ. އަދި އެމެރިކާ މެޗުގައި ރެފްރީކަން ކުރި ފަރާތުން މީގެކުރިން ވެސް ސުވާލު އުފެދޭ ފަދަ ނިންމުންތަކެއް ނިންމާފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެއިތުރުން ޓްރަމްޕް ވަނީ ޓީމެއްގައި ހިމެނޭ އެންމެ މޮޅެތި ކުޅުންތެރިންނަށް ނުކުޅެވޭ ގޮތް ހެދުމަކީ މުބާރާތުގައި ޖެހޭ ލައްގަނޑެއްގެ ގޮތުގައި ވެސް ސިފަކުރައްވާފަ އެވެ.

އެމެރިކާގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކުރާ ބަލޮގަން ވަނީ މިފަހަރުގެ މުބާރާތުގައި ތިން ގޯލު ކާމިޔާބުކޮށްފަ އެވެ.