Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ރަށްރަށުގައި ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަންނަނީ

ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަންނަން ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓްފާމާއިން ވަނީ ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފަ އެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު އާއި ކުންފުނީގެ މެނޭޖްމަންޓުން ބ. އަތޮޅު އޭދަފުށީ ކައުންސިލާއި މިއަދު ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި، ކައުންސިލުން ވަނީ ބޭސް ލިބުމުގަޔާއި ދާއިމީ ބައްޔަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ބޭސް ލިބުމުގެ ދިމާވަމުންދާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. މިކަމާއި ގުޅިގެން، ކުންފުނީގެ އެމްޑީ ވަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުންފުނިން ގެންގުޅޭ ޙާއްސަ ޕްލޭނާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި އިިތުރަށް ވަނީ، ކައުންސިލްތައް މެދުވެރިކޮށް ރަށުގެ ރައްޔިތުންނަށް ކުންފުނިން ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު އިތުރަށް ހިއްސާކޮށް، އަހުލުވެރި ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ބޭސް ފިހާރަތައް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ.