Last Updated: July 6, 21:47
Monday, July 6, 2026
ކުޅިވަރު

އޮލީސޭގެ ރީނދޫ ކާޑު ބާތިލުކުރަން ފްރާންސުން ފީފާއަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕެރަގުއޭގެ މައްޗަށް ފްރާންސުން ކުރި ހޯދި މެޗުގައި އެޓީމުގެ މައިކަލް އޮލީސޭ އަށް ދެއްކި ރަތްކާޑު ބާތިލުކުރަން ފްރާންސްގެ ފުޓްބޯޅަ އިދާރާއިން ފީފާއަށް ހުށަހަޅައިފި އެވެ.

ޕެރަގުއޭގެ މައްޗަށް 1-0 އިން ފްރާންސުން ކުރި ހޯދި މެޗުގައި އޮލީސޭ އަށް ރީނދޫ ކާޑު ދެއްކީ ޕެރަގުއޭގެ މަތިއަސް ގަލާޒާއާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރެއިންނެވެ. އެގޮތުން ގަލާޒާ މޫނުމަތީގައި އަތްއަޅައިގެން ވެއްޓުނުއިރު، ރިޕްލޭ އިން ފެންނަ ގޮތުގައި އޮލީސޭ ހަމައެކަނި ހުރީ ގަލާޒާގެ ޖޯޒީގައި ހިފަހައްޓައިގެންނެވެ.

އެ ރީނދޫ ކާޑުގެ ސަބަބުން ކުއާޓާފައިނަލްގައި މޮރޮކޯއާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗުގައި އޮލީސޭ އަށް ރީނދޫ ކާޑެއް ދައްކައިފިނަމަ އޭނާއަށް ފްރާންސް ސެމީފައިނަލަށް ދަތުކުރިޔަސް ނުކުޅެވޭނެ އެވެ.

ފްރާންސުން އެ ރީނދޫ ކާޑު ބާތިލުކޮށްދޭން ފީފާގައި އެދުނު މައްސަލައާއެކު ވަނީ ވީޑިއޯ ހެކި ވެސް ހުށަހަޅާފަ އެވެ.

އޮލީސޭގެ ރީނދޫ ކާޑު ބާތިލުކޮށްދޭން ފްރާންސުން ފީފާގައި އެދުނުއިރު، ވޯލްޑް ކަޕްގެ ނޮކައުޓް ފުރަތަމަ ބުރުގައި އެމެރިކާއިން ބޮސްނިއާގެ މައްޗަށް ކުރި ހޯދި މެޗުގައި އެޓީމުގެ ފޯވާޑް ފްލޮރިއަން ބަލޮގަން އަށް ދެއްކި ރަތްކާޑަށް ލުއި ދޭން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެއާއެކު ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް އެމެރިކާއިން ކުޅޭ މެޗުގައި ބަލޮގަން އަށް ކުޅެވޭ ގޮތް ވަނީ ވެފަ އެވެ.