ޕޯޗުގަލް 1-0 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ސްޕެއިން ދަތުރުކޮށްފި އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި ސްޕެއިން ބައްދަލުކުރާނީ ގަދަ 16 ގައި މިރޭ އެމެރިކާ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
މި މެޗުން ބަލިވި ޕޯޗުގަލް މުބާރާތުން ކެޓުމުން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވޯލްޑް ކަޕް ހޯދުމަށް ދެކެމުން އައި ހުވަފަނެއް މިހާރު ވަނީ ނިމުން އައިސްފަ އެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާ ކުޅޭނެ ފަހު ވޯލްޑް ކަޕްކަން މެޗުގެ ކުރިން އިއުލާންކޮށްފަ އެވެ.
އެމެރިކާގެ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. އެގޮތުން ސްޕެއިން އޮޔާޒަބަލް ހުހަށް ހުރެ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު، ޕޯޗުގަލްގެ ނޫނޭ މެންޑޭސް ފޮނުވާލި ބާރު ހަމަލާއެއް ސްޕެއިންގެ ޑިފެންޑަރު ޕެޑްރޯ ޕޮރޯގެ ބޮލުން ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް ސްޕެއިންގެ ކީޕަރު އުނާއި ސިމޮން ވެސް މަތަކޮށްފައިވެ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ޕޯޗުގަލްގެ ފުލްބެކް ނޫނޯ މެންޑޭސް އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމަކީ އެޓީމަށް ދިމާވި މައްސަލައެކެވެ. މި ހާފުގައި ޕޯޗުގަލްގެ ފަރާތުން މާބޮޑު ނުރައްކަލެއް ސްޕެއިންގެ ގޯލަށް ކުރެވިފައި ނުވާއިރު، ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފައިވެ އެވެ.
އެގޮތުން މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސްޕެއިނުން ކާމިޔާބުކުރީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. ފެރަން ޓޮރޭސް ދިން ޕާހަކުން ޕޯޗުގަލްގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން މި ގޯލު ސްޕެއިނަށް ކާމިޔާބުކޮށްދިނީ މިކޭލް މެރީނޯ އެވެ.
މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.