Last Updated: July 10, 21:44
Friday, July 10, 2026
ކުޅިވަރު

ޕޯޗުގަލްގެ ކޯޗުކަމުން މާޓިނޭޒް ވަކިވެއްޖެ

ޕޯޗުގަލްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން ރޮބާޓޯ މާޓިނޭޒް ވަކިވެއްޖެ އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 އިން ސްޕެއިނާއި ބައްދަލުކޮށް 1-0 އިން ބަލިވެ، ޕޯޗުގަލް ވަނީ މުބާރާތުން ކަޓައިފަ އެވެ.

މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ ޕޯޗުގަލްގެ ގައުމީ ޓީމާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މިއަދަށް ހަމަވާނެ ކަމަށާއި މި ވަގުތަކީ އާ ވިސްނުންތަކަކާއި އާ ހިޔާލުތަކަކަށް ފުރުސަތު ދިނުން މުހިންމު ވަގުތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ޕޯޗުގަލްއަށް އައީ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ މަތިވެރި އަޒުމުގައި. އެކަމަކު އެ އަމާޒަށް ވާސިލްނުވެވުމުން، މި މަގާމުގައި އިތުރަށް ދެމިހުރުމުގެ މާބޮޑު މާނައެއް އޮތްކަމަކަށް ނުދެކެން،" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ޕޯޗުގަލްގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޯޗުގަލް އިން ފުރަތަމަ ކުޅުނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކަމަށްވާއިރު އެ މުބާރާތުގެ ކުއާޓާފައިނަލުން ޕޯޗުގަލް ވަނީ ކަޓައިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ސްޕެއިން ބަލިކޮށް ޕޯޗުގަލް އިން ވަނީ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.