ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަކީ ފީފާ ވޯލްޑް ކަޕާ އެއްވަރުގެ ކާމިޔާބެއްގެ ގޮތުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސިފަކޮށްފި އެވެ.
ވޯލްޑް ކަޕްގެ ގަދަ 16 އިން ސްޕެއިނާއި ބައްދަލުކޮށް 1-0 އިން ބަލިވެ، ޕޯޗުގަލް ވަނީ މުބާރާތުން ކަޓައިފަ އެވެ.
މި މެޗުން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓުމުން އެޓީމުގެ ކެޕްޓަން ރޮނާލްޑޯ ވޯލްޑް ކަޕް ހޯދުމަށް ދެކެމުން އައި ހުވަފެނަށް މިހާރު ވަނީ ނިމުން އައިސްފަ އެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށާއި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. ޕޯޗުގަލްގެ ގައުމީ ޓީމާއެކު ތިން ތަށި ކާމިޔާބު ކުރެވުނު ކަމަށާއި ނަމަވެސް އޭނާގެ ކުރިން ޕޯޗުގަލް ޓީމަށް އެއްވެސް ތަށްޓެއް ކާމިޔާބު ކުރެވިފައި ނެތްކަން ރޮނާލްޑޯ ފާހަގަކުރި އެވެ.
ރޮނާލްޑޯ ބުނީ ޕޯޗުގަލްގެ ގައުމީ ޓީމާއެކު ހޯދުނު ކާމިޔާބީތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބަކީ 2016 ގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކަމަށާއި އެއީ ވޯލްޑް ކަޕާއި އެއްވަރުގެ ކާމިޔާބީއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް އޭނާގެ ފަރާތުން ދެއްކޭނެ އެންމެ ރަނގަޅު ކުޅުން ދެއްކިފައިވާ ކަމަށާއި އެނބުރި ދަނީ ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހިގެން ކަމަށްވެސް އޭނާ ބުންޏެވެ.
"ކުޅިވަރަކީ ބައެއް ފަހަރު މޮޅުވެފައި އަނެއްބައި ފަހަރު ބަލިވާނެ އެއްޗެއް،" ރޮނާލްޑޯ ބުންޏެވެ.
ޕޯޗުގަލްގެ ގައުމީ ޓީމާއެކު ރޮނާލްޑޯ ވަނީ ޔޫރޯގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.