Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރަން އިލްތިމާސްކޮށްފި

ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައިވާ ގޮތުން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި، ކުޑަކުދިންގެ ޕްރޭމާއި އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތަ ބޭނުންކޮށްގެން ދުއްވާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ.

ހުޅުމާލޭގެ ދުވާރުތަކުގެ ދެ ފަރާތުގައި ގަވާއިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައި ހުރެ އެވެ.