މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ، އެމެރިކާ 4-1 އިން ބަލިކުރުމަށް ފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފި އެވެ.
ކުއާޓާފައިނަލްގައި ބެލްޖިއަމް ބައްދަލުކުރާނީ ސްޕެއިންއާ އެވެ. ކުއާޓާއިން ސްޕެއިން ޖާގަ ހޯދީ ރޭ ޕޯޗުގަލްގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.
އެމެރިކާއާއެކު މިފަހަރުގެ މުބާރާތް ބޭއްވި އަނެއް ދެ ގައުމު ކަމަށްވާ ކެނެޑާ އާއި މެކްސިކޯ ވެސް ވަނީ މުބާރާތުން ކަޓައިފަ އެވެ. ގަދަ 16 ގައި މޮރޮކޯ އަތުން ބަލިވެ ކެނެޑާ ކެޓިއިރު، މެކްސިކޯ ކެޓީ އިންގްލެންޑް އަތުން ބަލިވުމުންނެވެ.
އެމެރިކާގެ ސިއާޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުގައި ރަތް ކާޑު ދެއްކި އެމެރިކާގެ ފޯވާޑް، ފްލޮރިން ބަލޮގަން އަށް މި މެޗުގައި ކުޅެވޭ ގޮތަށް ފީފާ ޑިސިޕްލިނަރީ ކޮމިޓީން ނިންމުމުންނެވެ. އެގޮތުން މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ވަނީ ކުޅެފަ އެވެ.
ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގެ ނުވަ ވަނަ މިނެޓްގައި ޗާލްސް ޑި ކަޓަލާރޭ ވަނީ އެ ޓީމަށް ލިޑުނަގައިދީފަ އެވެ. ޑީ ކަޓަލާރޭ މި ގޯލު ޖެހީ ނިކޮލަސް ރަސްކިން އެމެރިކާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި އެމެރިކާއަށް ލިބުނު ހިލޭޖެހުމަކުން މަލިކް ޓިލްމަން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ހިލޭޖެހުން ގޯލަށް ވަނީ ބެލްޖިއަމްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.
އެމެރިކާއިން ނަތީޖާ އެއްވަރުކުރިތާ ދެ މިނެޓް ފަހުން ޑީ ކަޓަލާރޭ ވަނީ ބެލްޖިއަމަށް އަލުން ލީޑު ނަގައިދީފަ އެވެ. އެމެރިކާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އޭނާ ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 57 ވަނަ މިނެޓްގައި ބެލްޖިއަމުން ތިންވަނަ ގޯލެއް ކާމިޔާބުކުރިއިރު، އެމެރިކާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހަންސް ވަނަކެން އެވެ.
ބެލްޖިއަމްގެ ފަހު ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި އެޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.