Last Updated: July 8, 21:12
Wednesday, July 8, 2026
ކުޅިވަރު

އާޖެންޓީނާ ދެކެ މިސްރުން ބިރެއް ނުގަނޭ

އާޖެންޓީނާ ދެކެ މިސްރުން ބިރެއް ނުގަންނަ ކަމަށް އެޓީމުގެ ކޯޗު ހޮސާމް ހަސަން ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ މިސްރުން އާޖެންޓީނާ ބައްދަލުކުރާއިރު، މިއީ މިސްރުން މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އާޖެންޓީނާ އަކީ ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ.

މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ހޮސާމް ބުނީ އާޖެންޓީނާއަކީ ވަރުގަދަ އަދި އެއީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި އެކަމަކު ފުޓްބޯޅައިގައި ނުވާނެ ކަމެއް ނޯންނާނެ ކަމަށެވެ. މި މެޗަށް ނިކުންނައިރު މިސްރުގެ ވަރަށް ބޮޑު އުންމީދުތަކެއް އެބަހުރި ކަމަށާއި މިއީ ދެ ޓީމަށްވެސް ފަސޭހަ މެޗަކަށް ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"އާޖެންޓީނާއަށް އިޙްތިރާމް ކުރަން، އެކަމަކު އެމީހުން ދެކެ ބިރެއް ނުގަނޭ. އެ ޓީމުގައި ލިއޮނަލް މެސީ ކަހަލަ ލެޖެންޑުން ތިބިކަން އެނގޭ. ނަމަވެސް، އެއީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށް ވިޔަސް، އިދިކޮޅު ޓީމުގެ ނަމަށް ބެލުމެއް ނެތި އަހަރުމެން ކުޅޭނީ އަމިއްލަ ގޭމެއް،" ހޮސާމް ބުންޏެވެ.

މިސްރުގެ ޓީމަކީވެސް ވަރުގަދަ ޓީމެއް ކަމަށާއި އަމާޒަކީ މިސްރުގެ ރައްޔިތުން ފަހުރުވެރިކޮށްދިނުން ކަމަށްވެސް ހޮސާމް ބުންޏެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.