Last Updated: July 7, 20:14
Tuesday, July 7, 2026
ރިޕޯޓް

އަލުވި؛ ޝައިޠާނާގެ އާފަލު!

މިއަދު ގޭގޭގެ ބަދިގޭގައި، އަލުވި ނެތް ނަމަ، ޕެޓީސްއެއް، ކަޓްލަޓްސްއެއް، ފްރެންޗް ފްރައިސްއެއް، އަދި އަލުވި ރިހައެއް ނުހުންނާނެއެވެ. އެހެންކަމަށްވާނަމަ، އަހުރެމެންގެ ކެއްކުމުގެ ވައްޓަފާޅިއާއި، ރެސިޕީތަކާއި، އަދި ކެއިން ބުއިމަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ހަމަގައިމު ވެސް އަލުއްވާ ނުލައި، ކާމޭޒުމަތި އަސްލު ފުރިހަމައެއް ނުވާނެ އެވެ.

އެނގޭ ހެއްޔެވެ؟ ވިލާތުގައި އަލުވި ހެއްދުމަކީ ކުށަކަށް ވެގެން ދިޔަ ދުވަސްވަރެއް ވެސް ދިޔައެވެ. އެއީ، މީލާދީން 1500 ގެ އަހަރުތަކުގައެވެ. ސްޕޭނުގެ ނެވިން، އެ ތަފާތު ތަރުކާރީ، ވިލާތަށް އެންމެ ފުރަތަމަ ގެނައީ ދެކުނު އެމެރިކާއިންނެވެ. އަދި އެއާއެކު، ބިރުވެރިކަމާއި ނާމާންކަމުގެ އަޑުތަކުގެ ޠޫފާނެއް ވިލާތުގައި އުފެދުނެވެ.

ފާދިރީން ބުނެފައި ވަނީ، އެއީ އިންޖީލުގައި ބަޔާން ކުރައްވާފައިވާ އެއްޗެއް ނޫން ކަމުގައެވެ. އަދި، އެއީ މާތްރަސްކަލާނގެ އިންސާނުންނަށްޓަކާ އުފައްދަވާފައިވާ އެއްޗެއް ނޫން ކަމުގައެވެ.

މާހިރުން ބުނެފައި ވަނީ، އެއީ ވިހަ ނައިޓްޝޭޑް ޢާއިލާގެ ގަހެއް ކަމަށެވެ. އަދި، އެއީ ޝައިޠާނީ ބާރުތަކާ ގުޅިފައިވާ ގަހެއް ކަމަށެވެ. އަދި އަލުއްވަކީ "ޝައިޠާނާގެ އާފަލު" ކަމަށެވެ.

ޙަކީމުން ބުނެފައި ވަނީ، އެއީ ޖުޒާމްބަލި ޖެހިފައިވާ މީހުންގެ އިނގިލިތަކުގެ ބައްޓަމަށް އުފެދިފައިވާ އެއްޗެއް ކަމުން، އަލުވި ކެއުމުން ޖުޒާމްބަލި ޖެހޭނެ ކަމަށެވެ.

މި އަޑުތައް ފެތުރިގެން ދިޔުމާއެކު، މީލާދީން 1748 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުން، އަލުވި އިންދާ ހެއްދުން ޤާނޫނަކުން ރަސްމީކޮށް މަނާކުރިއެވެ.

ހަނގުރާމައިގެ އަސީރެއްގެ ގޮތުގައި އެންޓޮއިން ޕާމެންޓިއާ ކިޔާ ފަރަންޖީއަކު، ޕްރޫޝިޔާގައި ބަންދުކޮށްފައި ހުއްޓެވެ. އަހަރުތަކެއް ވަންދެން އެތަނުގެ ޖަލުގައި، އޭނާއަށް ހަމައެކަނި ކާންދިނީ އަލުއްވެވެ. އަދި، އޭނާ ފެނުނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުއްޓައެވެ. އޭނާ މިނިވަން ވުމަށްފަހު، އެނބުރި ފަރަންސޭސިވިލާތަށް އައިސް، އޭނާ ނިންމީ އެ ތަރުކާރީ މުޅި ފަރަންސޭސިވިލާތަށް ތަޢާރަފް ކުރުމަށެވެ. އެގޮތުން، ދަނޑު ހައްދާނޭ ބިމެއް ހޯދައި، އެ ދަނޑުގައި އަލުވި މުޑުވައްކޮށް، ދަނޑުގެ ވަށައިގެން ދުވާލު ހަތިޔާރު އެޅި ގާޑުން ބެއިތިއްބިއެވެ. އަދި ރޭނގަނޑު އެއްވެސް ގާޑަކު ނުބަހައްޓައެވެ.

ކޮންމެއަކަސް އެހާ ރައްކާތެރިކަމާއެކު، ބަލަހައްޓާ އެއްޗަކީ އަގެއް ހުރި އެއްޗަކަށް ވާންޖެހޭނެ ކަމަށް މީހުން ހީކުރިއެވެ. އެހެންކަމުން، މީހުން ރޭގަނޑު ދަންވަރު ސިއްރުން އެ ދަނޑަށް ވަދެ އަލުވި ވަގަށް ނަގަން ފެށިއެވެ.

މަދު މޫސުންތަކެއްގެ ފަހުން މުޅި ފަރަންސޭސިވިލާތުގައި އަލުވި ފެތުރި ފުޅާވެގެން ދިޔައެވެ. އަދި، އަލުވި މަނާކޮށްފައި އޮތް އޮތުން، 1772 ވަނަ އަހަރު އުވާލިއެވެ. މިއަދު، އެ "ޝައިޠާނީ ގަހުން" އުފައްދާ އަލުއްވަކީ، ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކާން ބޭނުންކުރާ އެއް ބާވަތެވެ.

ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.