މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖެ އަށް ފާއިތުވި އެތައް އަހަރުތަކެއްގައި ކުރިމަތިވެފައިވާ ބޮޑު ވަބާއެއް މީގެ ސަބަބުން ޖީލުތަކެއްގެ ކުރިމަގު ބަނަވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމެރިކާ އިން ފުލުހުންނަށް ހަދިޔާކުރި މަސްތުވާތަކެތި ތަހުލީލު ކުރުމަށް ބޭނުންކުރާ 150 "ފީލްޑް ޓެސްޓިން ކިޓް" ފުލުހުންނާ ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސީީޕީ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ޖީލުތަކަކަށް ދެމިގެންގޮސް، އެތައް ޒުވާނުންނެއްގެ ގާބިލުކަން ވެސް ގެއްލިފައިވާ ކަމަށެވެ.
އެހެންވެ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު ކަމަށް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫއެންއޯޑީސީ މެދުވެރިކޮށް ފޯރުކޮށް ދިން 24،000 އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެއްޗަކީ ހަމައެކަނި ލިބުނު އާލާތްތަކެއް ނޫން ކަމަށާއި މިއީ އިތުބާރާއި، ގުޅިގެން މަސައްކަތްކުރުމާއި، މަސްތުވާތަކެތި ނައްތާލުމަށް ގުޅީގެން ކުރާ މަސައްކަތުގެ ރަމްޒެއް ކަމަށެވެ.
ސީޕީ ވިދާޅުވީ ކިޓްތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބާވަތްތަކާއި ކެމިކަލްތައް އެ ވަގުތުން ވަގުތަށް ދެނެގަނެވޭ ކަމަށެވެ. އަދި މީގެ ސަބަބުން ތަހުގީގުގެ މަސައްކަތްތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކިތަކެއް ހޯދުމަށް ވެސް ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އިޖުތިމާއީ ވަބާ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތަކުގެ ބޭނުންތެރިކަން ކޮމިޝަނަރ އަޙްމަދު މުޙައްމަދު ފާހަގަކުރެއްވިއެވެ.