ސްރީ ލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި 26 މީހަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެގޮމްބޯ ޖަލުގައި އެންމެ ފުރަތަމަ އާދީއްތަ ދުވަހުގެ ރޭ ހަމަނުޖެހުން ހިންގީ ޖަލު ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެ ގޭންގަކަށް ނިސްބަތްވާ ގައިދީންގެ މެދުގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެންނެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ޖަލު ގާޑުން ކުރި މަސައްކަތުގެ ތެރޭގައި ގައިދީންތަކެއް ގާޑުންތަކެއްގެ ހަތިޔާރުތަކެއް ޖަހައި ގަނެ، ދިން ހަމަލާތަކުގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ. އަދި، ހަމަނުޖެހުންތަކުގެ އަޑުފައްގަނޑު ގަދަވުމާއެކު، އަންހެން ގައިދީންތަކެއް ޖަލުގެ ފުރާޅުމައްޗަށް އަރައި އެ މީހުން މިނިވަންކުރުމަށް ގޮވާލާފައިވެ އެވެ. އަދި ފުރާޅުގެ ބައެއް ވެއްޓި ބައެއް އަންހެން ގައިދީންނަށް އަނިޔާ ވެސް ވެފައިވެ އެވެ.
އޭގެ ފަހުން އަނެއްކާ އިއްޔެ ހަމަނުޖެހުން ބޮޑުވީ ގައިދީންތަކެއްގެ ޖަލުގެ ގޭޓް ފަޅާލައިގެން ނުކުންނަން މަސައްކަތްކުރުމާ ގުޅިގެންނެވެ. އެ ހަމަނުޖެނުހުންތަކުގައި ބަޑީގެ ހަމަލާތައް ބަދަލުކޮށް، މަރުވި މީހުންގެ ޖުމްލަ 26 އަށް އަރަ އެވެ. އޭގެ ތެރެއިން 7 މީހުންނަކީ ޖަލުގެ ގާޑުންނެވެ.
ނިގެމްބޯ ޖަލުގައި ހިނގި ހަމަނެހުންތަކާ ގުޅިގެން މިހާރު ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި 23 ޖަލު އޮފިސަރަކާއި 58 ގައިދީން ހިމެނެ އެވެ. އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ނެގޮމްބޯ ހޮސްޕިޓަލާއި ކޮލޮމްބޯ ނެޝަނަލް ހޮސްޕިޓަލްގަ އެވެ.

ޖަލުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން، ސިފައިން މިހާރު އަންނަނީ ނެގަމްބޯ ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުން ތަހުގީގު ކުރަން ޖަސްޓިސް އެންޑް ޕްރިޒަން މިނިސްޓަރު ހަރުޝާނާ ނަޔައްކަރަން މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.