ޅ. ހިންނަވަރު އާ ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.
އެ ދަނޑު މި މަހުގެ 5 ގައި ހުޅުވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ހިންނަވަރު ފުޓްސަލް ދަނޑާއެކު ރަށާއި އަތޮޅަށް ފުޓުސަލް މުބާރާތްތައް ބޭއްވުމާއި ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމުގެ އުންމީދު އޮތް ކަމަަށެވެ.
އާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ވަޒީރު ރާފިޢު ވަނީ އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ގަނޑިޔަ ފުޓްސަލް ޗެލެންޖު" ވެސް ފައްޓަވައި ދެއްވައިފަ އެވެ. މިއީ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވުމުގެ ސަބަބުން އެ ރަށުގައި ފުޓްސަލް މުބާރާތެއް ނުބޭއްވި އޮތުމަށް ފަހު އެ ރަށުގައި ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މުބާރާތުގައި ރަށުގެ 14 ޓީމަކުން ވާދަކުރެ އެވެ.
ހިންނަވަރު ފުޓްސަލް ދަނޑަކީ އެ ރަށުގެ ކުރީގެ ފުޓްސަލް ދަނޑު ހަލާކުވިތާ 8 އަހަރު ފަހުން ހުޅުވި ދަނޑެކެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހެދި ދަނޑު ހަދަން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭހަ އެވެ. އަދި ދަނޑު ނިންމައިލީ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.