Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ޕޭ ފްރޭމްވޯކް މުރާޖާ ކުރާނީ ޓީޗަރުންނާ ގުޅިގެން

ޕޭ ފްރޭމްވޯކް ޓީޗަރުންނާ ގުޅިގެން މުރާޖާ ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ޕޭ ފްރޭމްވޯކުން މުސާރަތަކަށް ބަދަލު ގެނައި އިރު، ޓީޗަރުންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު މިނިސްޓަރާ ކުރެއްވި ސުވާލުގެ ޖަވާބުގައި ވިދާޅުވީ ޓީޗަރުންނަކީ ގައުމު ބިނާކުރާ މޭސްތިރިން ކަމަށެވެ. އެހެންވެ އެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާއި ހައްގުތައް އެންމެ ފުރިހަމަ ވާން ޖެހޭނީ ޓީޗަރުންގެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ، ޕޭ ފްރޭކްވޯކް އެކުލަވާލާފައިވާ ގޮ ތާބެހޭ ގޮތުން، މާލެ އާއި އަތޮޅުތެރޭގެ ގާތްގަނޑަކަށް 15 ވަރަކަށް އަތޮޅުގެ ވަރަށް ގިނަ ޓީޗަރުންނާ ވަކިން މިހާތަނަށް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

"އެންމެ ފުރަތަމަ ޕޭ ފްރޭމްވޯކް އެކުލަވައިލި އިރު، ދިމާވި މައްސލައަކީ ޑިގްރީ ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދިނީމަ، މިސާލަކަށް މާސްޓާސްއަށް ހަތަރު އަހަރު ދުވަހުގެ ގެޕެއް، ހަތަރު އަހަރު ދުވަހުގެ ޕީރިއަޑެއް ދިނީ ވެސް އެމްޑީޕީ ސަރުކާރުން،" މިނިސްޓަރު ވިދާޅުވި އެވެ. "މީ މީގެކުރިން ރާއްޖޭގައި ވެފައޮތް ކަމެއްނޫން، ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެބަ އާދޭ ސްޓެޕް ޕްރޮކޯޝަން ތަކެއް، އަޅުގަނޑުމެން މިހާރުވާނީ އެ ސްޓެޕް ޕްރޮމޯޝަންތައް ދީފައި."

އެހެންވެ އޭގެ ސަބަބުން މައްސަލަތައް ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ނިކުންނަ ނަތީޖާއަކީ މާސްޓާ ޑިގްރީ ހަދައިފައި ހުންނަ މުދައްރިސެއް، އެބޭފުޅާ އަތުގައި އޮންނަ ޑިގްރީއާ އެކުގައި ސްޓެޕް ޕްރޮމޯޝަން ލިބުނީމަ އެ ސްޓެޕް ޕްރޮމޯޝަން ލިބިފައި ހުންނަ މުދައްރިސް މާސްޓާ ޑިގްރީގެ ގޮޅިއަށް ދިޔައިމަ މުސާރަ ދަށްވާ ގޮތް ވަނީ،" ޝަފީއު ވިދާޅުވި އެވެ. "އެހެންވީމަ އެކަން ހައްލުކޮށްގެން މެނުވީ މާސްޓާ ޑީގްރީގެ ގޮޅީގެ ތެރެއަށް މުދައްރިސުން ޓްރާންސްފާ ކުރެވޭކަށެއް ނެތް. ޓްރާންފާކޮށްފިއްޔާ ޑިގްރީއެއް އޮވެގެން ލިބޭ މުސާރަައަ ށްވުރެ މާސްޓާގެ އެ ހަރުފަތުގައި ލިބޭ މުސާރަ ދަށްވާ ގޮތަށް އޮތީ."