ދާދި ފަހުން ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައިވާ ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދު ވެސް ސަފީރަކަށް އައްޔަން ކުރަން ނިންމައި އޭގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ދިޔާނާ އައްޔަން ކުރަން ނިންމާފައި ވަނީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ރާއްޖޭން ކަނޑައަޅާ ސަފީރުގެ މަގާމަށެވެ. ދިޔާނާ ސަފީރުކަމަށް އައްޔަން ކުރުމުގެ މައްސަލަ ރައީސް ފޮނުއްވީ އިއްޔެ އެވެ. އޭނަގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިހާރު އޮތީ ފޮނުވައިފަ އެވެ.
އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރީ މިދިޔަ އޭޕްރިލް މަހުގެ 26 ގަ އެވެ.
ކުރިން ސާކް ސަމިޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވި ދިޔާނާ އަކީ މިހާރު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި، ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރުގެ ކުރީގެ އަނބިކަނބަލުންނެވެ.