Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ރޯވި ގޭގެ މީހުންނަށް އެހީވާން 95،000ރ. ހޭދަކޮށްފި

މާލޭގެ ގ. ފުންފަޅުގޭގައި ރޯވި ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކިވަރުގެ އަސަރުކޮށްފައިވާތީއެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް މިހާތަނަށް 95,000ރ. ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައި ދީފައިވެ އެވެ.

އެގޮތުން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ. އަދި އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ފަސްވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓް (5އޭ، 5ބީ އަދި 5ސީ) ގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.

ފުންފަޅުގޭގައި ހަތަރުވަނަ ބުރީގައި ރޯވެި ހާދިސާގައި، ދުމުގެ އަސަރުކޮށްގެން ޖުމްލަ 28 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ވެސް ދީފައިވެ އެވެ.