Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

އަރަބިއްޔާގެ އާ އިމާރާތް ނޮވެމްބަރަށް ނިމޭނެ

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި އަންނަ އަހަރު ކިޔަވައި ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

"އަރަބިއްޔާ ސްކޫލުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ރާވާލެވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް އެބަދޭ. އުންމީދު ކުރެވެނީ އަޅުގަނޑުމެންނަށް ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް ނިމި މި އަންނަ އަހަރުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަރަބިއްޔާގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށޭނެ." އޭނަ ވިދާޅުވި އެވެ.

މާލޭގެ ކުރީގެ ކުނިކޮށި ހިންގި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ފެށީ 2024 ގަ އެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ އެވެ. އެ ކުންފުނިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ނޮވެމްބަރު 17، 2024 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނެފައި ވަނީއެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށް 152.9 މިލިއަން ރުފިޔާ އަށް ކަމަށެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، ބާ ޖަމާލުއްދީން ހުރި ބިމުގައި އިމާރާތްކުރަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަމީން ކޮންސްޓްރަކްޝަންއާ ސެޕްޓެމްބަރު 2022 ގައި ހަވާލުކުރި އެވެ. އެ މަޝްރޫއު ހަވާލުކުރީ 168.5 މިލިއަން ރުފިޔާ އަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަ ށްފަހު މާލޭގެ ކުރީގެ ކުނިކޮށި ހިންގި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ނިންމައި ސްކޫލުގެ ޑިޒައިނަށް ބަދަލު ވެސް ގެނެސްފައިވެ އެވެ.