Last Updated: July 7, 20:14
Tuesday, July 7, 2026
ޚަބަރު

ހދ. އަތޮޅުގައި ބޯޑެއް ނަހަދަން އަންގައިފި

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ކުޅުދުއްފުށި ސިޓީ އިސްކޮށް އޮވެގެން ބޯޑެއް ހަދަން ނިންމުމާ ގުޅިގެން އެކަން ހުއްޓާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭ) އިން މިއަދު އަންގައިފި އެވެ.

އަތޮޅުގެ ރަށްތަކުން ގުޅިގެން އެކުގައި ތަރައްގީއަށް މަސައްކަތް ކުރުމުގެ ނިޔަތުގައި ބޯޑެއް ހަދަން ނިންމީ މި މަހުގެ 2 ވަނަ ދުވަހު އެވެ.

މިކަމާ ގުޅިގެން ކައުންސިލަށް އެލްޖީއޭ އިން މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުން އަތޮޅު އޮފީސްތައް އުވާލުމުން، އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އެލްޖީއޭގެ ޒިންމާއެއް ކަމަށެވެ. އަދި ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށެވެ.

އެހެންވެ ކުޅުދުއްފުށީ ކައުންސިލާއި ހދ. އަތޮޅުގެ ރަށްރަކުގެ ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް އެލްޖީއޭ އިން ބުންޏެވެ.

"އަދި ކައުންސިލްތަކުގެ މައްޗަށް އެކުލެވޭ ވަކި ބޯޑެއް އަތޮޅެއްގައި ގާއިމްކޮށްގެން މަސައްކަތް ކުރުމަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގެ މަހްފޫމަށް ފުށުއަރާ ކަމެއް." އެ އޮތޯރިޓީން ބުންޏެވެ.

އެހެންވެ ބޯޑު ހެދުމުގެ މަސައްކަތް ވަގުތުން ހުއްޓާލަން އަންގާފައިވެ އެވެ. އަދި ބޯޑު ހަދަން ނިންމި ސަބަބު ބަޔާންކޮށް ދިނުމަށް ވެސް އަންގާފައިވެ އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެފައު ވަނީ ސަރުކާރުން ބިރު ދެއްކިޔަސް ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

އޭނަ ވިދާލުވީ ހދ. އަތޮޅުގެ ކައުންސިލްތަކުން ބޯޑެއް ހެދުމުގެ ބޭނުމަކީ ގާނޫނުން އެލްޖީއޭއާ މަތިކޮށްފައިވާ ޒިންމާ އަދާކުރުން ނޫން ކަމަށެވެ. އަދި ބޯޑެއް ހެދުމުގެ މަގްސަދަކީ އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުން ކަމަށް އާތިފް ވިދާޅުވި އެވެ.