ރަނގަޅު ޞިއްޙަތަކީ، ތަޢުލީމާއި މުޖުތަމަޢުގެ ކުރިއެރުމުގެ އިތުރުން، އިޤްތިޞާދީ ފާގަތިކަމުގެ ބިންގާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު އޮތް ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް 2026 (އައިޖޭސީއެޗްޕީ 2026) ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ޞިއްޙީ ޚިދުމަތުގެ އަސާސަކީ އިންސާނުން ކަމަށާއި، ކޮންމެ ސައިންޓިފިކް ކުރިއެރުމެއްގެ ފަހަތުގައި ވެސް ވަނީ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވާ ބަލި މީހެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ދުޅަހެޔޮ ރައްޔިތަކާ ނުލައި ޤައުމުތަކަށް އެ ޤައުމުތަކުގެ ފުރިހަމަ ޤާބިލުކަން ޙާޞިލުނުކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
އަދި ޤައުމެއްގެ ބާރުވެރިކަން ގިނަ ފަހަރަށް މިންކުރެވެނީ އިޤްތިޞާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމުން ކަމަށްވިޔަސް، ޤައުމެއްގެ ޙަޤީޤީ ބާރުވެރިކަންހުރި މިންވަރީ، އެ ޤައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރެއްގެ މައްޗަށް ކަމުގައި އެކަމަނާ ވިދާޅުވި އެވެ.
ޞިއްޙީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން، އާޓިފިޝަލް އިންޓެލިޖެންސް، ޑިޖިޓަލް ޓެކްނޮލޮޖީ، ޖީނޮމިކްސް، ރޮބޮޓިކްސް އަދި ޕްރިޑިކްޓިވް އެނަލިޓިކްސް ފަދަ ކަންކަމުގެ ދައުރު ފުޅާވަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ޞިއްޙީ ޚިދުމަތްތައް ހަރުދަނާ ކުރެވިގެންދާ ދިއުމުގައި، ޓެކްނޮލޮޖީގެ ދައުރު އޮތް ކަމުގައިވިޔަސް، އޯގާތެރިކަމަކީ ބަދަލުނުކުރެވޭނެ ކަމެއްކަން ފާހަގަކުރައްވައި، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެ ކަމާއި، ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެކަމެއް ނޫންކަމުގައި އެކަމަނާ ސިފަކުރެއްވި އެވެ. ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް އޮންނަ އެއްޗަކަށް ކަމަށާއި، އިންސާނުންނަށް ޚިދުމަތް ކުރުމުގައި ހަމައެކަނި ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާ ވެގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.
ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް ތަކަށް ވިލުންތެރި ޞިއްޙީ ނިޒާމެއްގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މޫސުމީ ބަދަލުތަކާއި، އައު ބަލިތައް ފެތުރުމާއި، އާބާދީއަށް އަންނަ ބަދަލުތަކާއި، ޖިއޮގްރަފީ ގޮތުން ރަށްތައް ބެހިފައިވުމަކީ އީޖާދީ އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތަކަށް ބޭނުންވާ ގޮންޖެހުންތަކެއްކަމުގައި ވިދާޅުވި އެވެ. ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ތަކުރާރުކުރައްވަމުން، އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޒަމާނީ އުމްރާނީ ތަރައްޤީއަށާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، ޚާއްޞަ ޚިދުމަތްތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ގުޅުންތަކަށް ސަރުކާރުން މެދުނުކެނޑި ވުނަކުރަމުންދާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ނަރުހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރައްވަމުން، ބަލިމީހާގެ ފަރުވާގެ ހުރިހާ މަރުޙަލާއެއްގައި އެންމެ ގާތުން ހަރަކާތްތެރިވާ ބަޔަކީ ނަރުހުން ކަމަށާއި، ގިނަ ފަހަރަށް ބަލިމީހާގެ ޙާލަތަށް އަންނަ ކުދިކުދި ބަދަލުތައް އެންމެ ފުރަތަމަ ދެނެގަންނަ، އަދި އެންމެ ފަހުން އެމީހަކާ ވަކިވެގެންދާ ބަޔަކީވެސް ނަރުހުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވި އެވެ.
މި ކޮންފަރެންސް ކުރިއަށް ދާނީ މިހިނގާ ޖުލައި މަހުގެ 7 އިން 9 އަށް ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ. މި ކޮންފަރެންސްގެ ޝިޢާރަކީ "އެވިޑެންސް، އެމްޕަވަރމަންޓް އެންޑް އެޑިއުކޭޝަން: ލީޑިން ދަ ފިއުޗާ އޮފް ހެލްތްކެއާ ފޯ ސަސްޓެއިނަބަލް އިމްޕެކްޓް" އެވެ.