ހދ. ގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވީ ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހަދަން އުޅޭ ބޯޑު ހެދުމުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަމަންޓް އޮތޯރިޓީން އެންގުމާ ގުޅިގެންނެވެ. އެ ބޯޑު ހެދުމަށް އިސްނަގާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުންނެވެ.
އެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެލްޖީއޭއިން ބުނެފައި ވަނީ ސަރުކާރުން އަތޮޅު އޮފީސްތައް އުވާލުމުން، އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އެލްޖީއޭގެ ޒިންމާއެއް ކަމަށެވެ. އަދި ވަކި ބޯޑެއް ހަދައިގެން މަސައްކަތް ކުރުމުގެ ބާރު ކައުންސިލްތަކަށް ނުލިބޭ ކަމަށް ވެސް އެލްޖީއޭއިން ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން އާތިފް ވިދާޅުވީ އެ ދަރަޖައަށް އެލްޖީއޭ ވެއްޓިދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށާއި އެ ބޯޑުގެ މަގްސަދަކީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭއިން ދޭ ހިދުމަތްތައް ދިނުން ނޫން ކަމަށެވެ. އެ ބޯޑުގެ މަގްސަދަކީ، އަތޮޅުގެ ރަށްތައް ގުޅިގެން އެ އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ބަލައި އެކަމުން ނަތީޖާއެއް ހޯދުން ކަމަށާއި އޭގެ ފައިދާ މުޅި ދިވެހި ގައުމަށް ކުރާނެ ކަމަށް އާތިފް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ އަޖައިބު އަންތަރީސްވެއްޖެ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ އެކަން ހުއްޓާލުމަށް އެލްޖީއޭއިން އެންގިއިރު، ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަން ކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅައި މާކްސް ދޭ ގޮތަށް އެލްޖީއޭއިން ކަނޑައަޅާފައި އޮންނަ ކަމަށެވެ. އެހެންވެ، ސިޓީގައި ބުނެފައި އެ ވަނީ އަމިއްލަ އުސޫލުތަކާ ވެސް ހިލާފު ވާހަކައެއް ކަމަށް އާތިފް ވިދާޅުވި އެވެ.
"މިހެން ދައްކާ ބިރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. މި ސަރަހައްދުގެ ރައްޔިތުންގެ ހަައްގުގައި އަޅުގަނޑުމެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ،" އޭނާ ވިދާޅުވި އެވެ.