ފަހަތުން އަރައި 3-2 އިން މިސްރު ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފި އެވެ.
ކުއާޓާގައި އާޖެންޓީނާ ބައްދަލުކުރާނީ ގަދަ 16 ގައި މިރޭ ކޮލަމްބިއާ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ 15 ވަނަ މިނެޓްގައި މިސްރުން ވަނީ ލީޑު ނަގައިފަ އެވެ. އާޖެންޓީނާގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން މި ގޯލު މިސްރަށް ކާމިޔާބުކޮށްދިނީ ޔާސިރް އިބްރާހިމް އެވެ. އާޖެންޓީނާ އަށް ނަތީޖާ އެއްވަރުކުރަން މެޗުގެ 21 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީ މިސްރުގެ ކީޕަރު މުސްތޮފާ ޝޮބެއިރު ވަނީ މަތަކޮށްފަ އެވެ.
އަދި ފުރަތަަ ހާފް ނިމުމުގެ ކުރިން އާޖެންޓީނާގެ ޖޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާއެއް ވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މިސްރުގެ ކީޕަރު ދިފާއުކޮށްފައިވެ އެވެ.
ދެވަނަ ހާފްގައި އާޖެންޓީނާ އިން ކުރިއަށް ޖެހިލައިގެން މިސްރުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންދިޔައިރު، މިސްރުން ދިޔައީ ކައުންޓަ އެޓޭކުތަކުގައި ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓްގައި މިސްރުން ގޯލެއް ކާމިޔާބުކުރި ނަމަވެސް އެ ގޯލު ޖެހުމުގެ ކުރިން މިސްރުގެ ކުޅުންތެރިއަކު އާޖެންޓީނާގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒަށް ފައުލްކޮށްފައިވާތީ ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.
އެ ގޯލު ކެންސަލް ކުރި ނަމަވެސް މެޗުގެ 67 ވަނަ މިނެޓްގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މޮސްތަފާ ޒިކޯ ވަނީ މިސްރުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ކުއާޓާއާ ގާތަށް އެޓީމު ގެންގޮސްދީފަ އެވެ. މި ގޯލާއެކު އާޖެންޓީނާ އިން ބަދަލުތަކެއް ގެނެސްގެން ދިޔައީ ފުލުފުލުގައި ފުރުސަތުތައް ތަނަވަސްކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިސްރުގެ އޭރިއާ ތެރެއަށް މެސީ ނަގައިދިން ހުރަހަކަށް އަރައި، ބޮލުން ފޮނުވާލި ހަމަލާއަކުން އާޖެންޓީނާގެ ފުރަތަމަ ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ އެޓީމުގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެވެ.
އަދި އޭގެ ހަތަރު މިނެޓް ފަހުން މިސްރުގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން މެސީ ވަނީ އާޖެންޓީނާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ މި ވޯލްޑް ކަޕްގައި މެސީ ޖެހި އަށްވަނަ ގޯލެވެ.
މި މެޗުން އާޖެންޓީނާ މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓްގެ ތެރެއިން ތިންވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ. މިއީ އާޖެންޓީނާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ލައުޓާރޯ މާޓިނޭޒް މިސްރުގެ އޭރިއާ ތެރެއަށް ނަގައިދިން ރީތި ހުރަހަކަށް އަރައި ބޮލުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން އެންޒޯ ޖެހި ގޯލެކެވެ.