Last Updated: July 10, 21:44
Friday, July 10, 2026
ކުޅިވަރު

މިސްރު ކޯޗުގެ ނުރުހުން: ތަށީގެ މިސްރާބު ހުރީ އާޖެންޓީނާ ދިމާލަށް

ވޯލްޑް ކަޕް ތަށި މިސްރާބު ކުރަނީ އާޖެންޓީނާއާ ދިމާލަށް ކަމަށް ބުނެ، މިސްރުގެ ކޯޗު ހޮސާމް ހަސަންގެ ނުރުހުން ފާޅުކޮށްފި އެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ އާޖެންޓީނާ އިން ވަނީ މިސްރުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި އެ ޓީމު 3-2 އިން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފަ އެވެ.

މި މެޗުގެ ރެފްރީ ފްރަންކޮއާ ލަޓެކްސިއޭގެ ނިންމުންތަކަށް މިސްރުގެ ބެންޗުން ވަރަށް ބޮޑަށް ހިތްހަަމަނުޖެހުން ފާޅުކުރި އެވެ.

މެޗަށްފަހު ވާހަކަދައްކަމުން މިސްރުގެ ކޯޗު ބުނީ މި މެޗުގެ ނަތީޖާ މިގޮތަށް ނުކުތުމަށް މެދުވެރިވީ އާޖެންޓީނާގެ ފަރާތުން ރެފްރީއަށް ކުރިމަތިވި ފިއްތުންތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި މި މެޗު ކުރިއަށްދިޔަ ގޮތާއި ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.މި މެޗުގެ ރެފްރީއަކީ ބޭއިންސާފު މީހެއް ކަމަށާއި އޭނާ އެ ބޭކާރުކޮށްލީ މުޅި ޤައުމެއްގެ ބުރަ މަސައްކަތް ކަމަށްވެސް ހޮސާމް ބުންޏެވެ.

"މި ތަށި މި މިސްރާބު ކުރަނީ އާޖެންޓީނާއާ ދިމާލަށް،" މިސްރުގެ ކޯޗު ބުންޏެވެ.

މިސްރުގެ ކޯޗު ބުނީ މި މެޗުގައި އާޖެންޓީނާ އަށް ވުރެ މިސްރު ފެނުނީ މާ މޮޅުކޮށް ކަމަށާއި ހުރިހާ ގޮތަކުންވެސް މިސްރު މާ ރަނގަޅު ކަމަށެވެ. އެކަމަކު މެޗުގެ ނަތީޖާއަށް އަސަރު ފޯރުވީ ދަނޑުމަތީގައި ހިނގި ކަންތައްތަކާއި ދަނޑުން ބޭރުގެ ނުފޫޒުތަކުގެ ސަބަބުން ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ.

"ފަހަރެއްގައި އެމީހުން ބޭނުންވީ ދުނިޔޭގެ ޗެމްޕިއަނުން މުބާރާތުގައި ބޭތިއްބުމަށް ކަމަށްވެދާނެ. ނޫނީ މެސީ މި ރޭހުގައި ދެމިހުރުމަށް ބޭނުންވީ ކަމަށްވެސް ވެދާނެ." ހޮސާމް ބުންޏެވެ.

ހޮސާމް ވަނީ އާޖެންޓީނާ އަށް މި މެޗުގައި ހުރިހާ ފެންވަރެއްގައި އެހީތެރިކަން ލިބުނު ކަމަށާއި މި ނަތީޖާ ނެރުމަށް އާޖެންޓީނާގެ ފަރާތުން ނުފޫޒުތަކެއް ފޯރުވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ބުނެފަ އެވެ. އަދި މި މުބާރާތުގެ އެންމެ މެޗެއް ވެސް ބެލުމުގެ ޝައުގެއް މިހާރު ނެތް ކަމަށްވެސް އޭނާ ބުންޏެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ ކޮލަމްބިއާ އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.