Last Updated: July 8, 21:12
Wednesday, July 8, 2026
ކުޅިވަރު

ކުއާޓާގެ ފަހު ޖާގަ ސްވިޒަލެންޑަށް

ޕެނަލްޓީ ޖަހައިގެން 4-3 އިން ކޮލަމްބިއާ ބަލިކޮށް ސްވިޒަލެންޑުން ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއީ، 1954 ވަނަ އަހަރަށް ފަހު ސްވިޒަލެންޑުން ވޯލްޑް ކަޕްގެ ގަދަ އަށެއްގައި ވާދަކުރާނެ ފުރަތަމަ ފަަހަރެެވެ. ކުއާޓާގައި ސްވިޒަލޭންޑް ބައްދަލުކުރާނީ އާޖެންޓީނާއާ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ދެ ޓީމުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން މެޗުގެ ކޮލަމްބިއާގެ ގުސްޓާވޯ ޕުއޭޓާ ޖެހި ޝޮޓް ސްވިޒަލެންޑް ކީޕަރު، ގްރެގަރީ ކޮބެލް މަަތަކުރިއިރު މެޗުގެ 31 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ފަބިއަން ރައިޑާ ތިރިތިރިން ފޮނުވާލި ޝޮޓް ކޮލަމްބިއާގެ ކީޕަރު، ކަމީލޯ ވާގާސް ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވެސް ނުރައްކާތެރި ހަމަލާތައް އުފައްދަން މަސައްކަތް ކުރިއިރު، މެޗުގެ 90 މިނެޓް ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން ފުރަތަމަ ހާފުގެ ތެރޭގައި ކޮލަމްބިއާ ޖޯން ލުކޫމީ ބޮލުން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އަދި، އޭރިއާބޭރުން، ޖަމިންޓަން ކަމްޕާޒް ފޮނުވާލި ބޯޅަ ބޭރުވީ ކީޕަރު ކޮބެލް އަތުުގައި ޖެހިފައި ކޯނަރަކަށެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ބަދަަލަކަށް ކުޅެން އެރި، ސްވިޒަލެންޑްގެ ޒަކީ އަމްދޫނީ ކުޅެން އެރި ގޮތަށް ފުރަތަމަ ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ކީޕަރު ވާގާސް ވަނީ މަތަކޮށްފަ އެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ކޮލަމްބިއާގެ ޖުއާން ކިންޓޭރޯ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ސްވިޒަލެންޑުގެ ފުރަތަމަ ޕެނަލްޓީ ގްރަނިޓް ޝަކާ ވަނީ ކީޕަރު ވާގާސް އަތުގައި ޖެހިފަ އެވެ. ކޮލަމްބިއާގެ ދެ ވަނަ ޕެނަލްޓީ، ޑަވިންސަން ސަންޗޭޒް ފޮނުވާލިއިރު، ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ލީޑުނަގަން ދިޔަ ސްވިޒަލެންޑްގެ ދެ ވަނަ ޕެނަލްޓީ ފޮނުވާލި އަމްދޫނީ ވަނީ ގޯލަށް ވައްދާލައިފަ އެވެ. ކޮލަމްބިއާގެ ތިން ވަނަ ޕެނަލްޓީ ޖެހި ކަމްޕާޒް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. ސްވިޒަލެންޑްގެ ތިން ވަނަ ޕެނަލްޓީ މެނުއަލް އަކަންޖީ ފޮނުވާލިއިރު، ދިޔައީ ހުރަސްދަނޑިމަތިންްނެވެ.

ކޮލަމްބިއާގެ ހަތަރު ވަނަ ޕެނަލްޓީ ކޫޗޯ ހެނާންޑޭޒް ފޮނުވާލިއިރު، ސްވިޒަލެންޑްގެ ކީޕަރު ކޫބެލް ވަނީ މަތަކޮށްފަ އެވެ. ސްވިޒަލެންޑުގެ ހަތަރު ވަނަ ޕެނަލްޓީ ސެޑްރިކް އިޓެން ވަނީ ކާމިޔާބުކޮށްފަ އެވެ. ކޮލަމްބިއާގެ ފަސް ވަނަ ޕެނަލްޓީ ލުއިސް ޑިއާޒް ވަނީ ގޯލަށް ވައްދާލައިފަ އެވެ. ސްވިޒަލެންޑުން ފަސް ވަނަ ޕެނަލްޓީ ޖަހަންދިޔަ، ރުބެން ވާގާސް ވަނީ ޕެނަލްޓީ ވައްދާލައި ސްވިޒަލެންޑް އަނެއް ބުރަށް ގެންގޮސްދީފަ އެވެ.