Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

އޭއައިއަކީ ޝަރަފެއް ނޫން، އެއީ މައްސަލަތައް ހައްލުކުރުމުގެ އާލަތެއް

ރާއްޖެ ފަދަ ގައުމުތަކަށް އޭއައި އަކީ ޝަރަފު ހާސިލުކުރުމުގެ ރޭހެއް ނޫން ކަމަށާއި، އެއީ ގައުމީ މައްސަލަތައް ހައްލުކުރުމުގެ އާލަތެއްކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ "ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް" ސަމިޓުގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ އޭއައިގެ ކުރިއެރުން ބިނާވަނީ އާންމު ރައްޔިތުންނަށް ހިދުމަތްދިނުމުގައި އެ ޓެކްނޮލޮޖީ ބޭނުންކުރެވޭ ގޮތުގެ މައްޗަށް ކަމަށާއި އެގޮތުން ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ގައުމެއްގައި ހިދުމަތުގެ ފެންވަރު ވެރިކަންކުރާ ރަށާ ހުރި ދުރުމިނެއްގެ ސަބަބުން ކަނޑައެޅިގެން ނުވާނެ ކަމަށެވެ.

އެގޮތުން މޯލްޑިވްސް-2.0 މަގުޗާޓުގައި ފުޅާ ބަދަލުތަކެއްގެ ތެރެއިން އެއް ފަށަލައިގެ ގޮތުގައި އޭއައި ހިމަނާފައި އޮތީ އެ ސަބަބަށްޓަކައި ކަމަށާއި ރާއްޖެ ފަދަ ޤައުމަކަށް އެންމެންގެ ބައިވެރިވުން ފެށިގެންދަނީ އެބިންގަލުގެ މަތީގައިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭއައިއާ ނުލާ ހަމަހަމަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް ހުރިކަމަށެވެ.

އޭއައިގެ ކުރިއެރުން ބިނާވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރުގެ މައްޗަށްކަމަށް ފާހަގަ ކުރައްވައި ވަޒީރު ވަނީ، އެންމެ ބާރުގަދަ ފަރާތަށް އެކަނި އޭގެ ބޭނުންކުރެވޭނެ ނިޒާމެއްގެ ބަދަލުގައި އެންމެނަށްވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް އޭއައި ތަރައްގީކުރުމަށް މިދާއިރާގައި ކުރިއަރާފައިވާ ގައުމުތަކަށް ގޮވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ، އޭއައިއަކީ ހިދުމަތްދިނުމުގައި އެންމެނަށް އޭގެ ބޭނުންކުރެވޭނެ ފަދަ ނިޒާމެއްކަންވެސް ކަށަވަރުކުރަން ޖެހޭކަމަށެވެ. އެގޮތުން ރާއްޖެއިން ޔުނެސްކޯއާއި ގުޅިގެން ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ހަދާފައިވާކަމަށާއި، މިހާރު އެއައި ޑޭޓާ ލެބް ނުވަތަ މޯލްޑިވްސް އޭއައި ލެބް ގައިމުކޮށްފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ 3 ދާއިރާއަކުން ހާއްސަ އިސްކަމެއްދޭންޖެހޭކަމަށާއި، އެގޮތުން ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި އޭއައި ނުވަތަ އެދާއިރާ ބިނާކުރުމަށްވެސް އިންވެސްޓްކުރަންޖެހޭކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާގެ އިންސާނީ ވަސީލަތް ބިނާކުރުމާއި ހިންގުމުގެ ނިޒާމުގެ އަސާސަކީ ހުރިހާ ދާއިރާއެއް ގުޅޭނެހެން މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މައްޗަށްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.