އެމެރިކާ އިން އިރާނަށް އަނެއްކާވެސް ހަމަލާތައް ދޭން ފަށައިފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނިގޮތުގައި މި ހަމަލާތައް ދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އިރާނުން ހަމަލާދިނުމުން އޭގެ ރައްދުގައި ކަމަށެވެ. ނަމަވެސް މިކަން އިރާނުން ދޮގުކުރެ އެވެ.
އެމެރިކާއިން ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި އިރާނުގެ އެއާ ޑިފެންސް ސިސްޓަމަށާއި ކޮމާންޑް އެންޑް ކޮންޓްރޯލް ނެޓްވޯކާއި، ރާޑަރު ސައިޓުތައް ހިމެނެ އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި ހަރަކާތްތެރިވި އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުގެ ކުދި ބޯޓުތަކަކަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވާނެ ކަމަށް އެމެރިކާއިން ބުންޏެވެ.
އިރާނުގެ އަސްކަރިއްޔާ އިން ވަނީ އެމެރިކާއިން ދިން ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފަ އެވެ. އަދި ހޮރުމޫޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒަކަށް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މީގެއިތުރުން އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަނީ އެމެރިކާގެ މި އަމަލަކީ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާ އާއި އިރާނުން މިދިޔަ މަހު ސޮއިކުރި އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަމާ ގުޅިގެން އިރާނުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަނީ އުފުލިގެން ގޮސްފަ އެވެ.