Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ލަންކާގެ އަންހެނަކު ރޭޕްކޮށްގެން ދިވެއްސަކު ހައްޔަރުކޮށްފި

ސްރީ ލަންކާގެ ޒުވާން އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި އެ ގައުމުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 28 އަހަރުގެ މީހާ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ މީހެކެވެ. މީޑިއާތަކުން ބުނީ މި މަހުގެ 4 ގައި ހައްޔަރުކުރި މީހާ އަކީ ރާއްޖޭގެ ވަޑިއެއް ކަމަށެވެ. އަދި ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މީހާ ރޭޕްކޮށްފައި ވަނީ ބައްޓަރަމުއްލާގެ ޕެލަވައްޓާ ސަރަހައްދުގައި ފިރިހެން މީހާ ހުރި ގެސްޓްހައުސްގެ ވިލާއަކަށް މަސާޖް ކުރުވަން ގެންދިއުމަށް ފަހު ކަމަށް ވެސް ބުނެފައިިވެ އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ.

ލަންކާ އަކީ އެކި ބޭނުންތަކުގައި ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ. އަދި އެ ގައުމަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ގައުމު ވެސް މެ އެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.

ލަންކާގެ އަންހެނަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކުރި އިރު، މީގެ ކުރިން ވެސް އެކި ކަހަލަ މައްސަލަތަކުގައި އެ ގައުމުން ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.