Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ސެކިއުރިޓީ ސްކޭނަ މެއިންޓަނަންސް ޓްރެއިނިން ބާއްވައިފި

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސެކިއުރިޓީ ސްކޭނަރ މެއިންޓަނަންސް ޓްރެއިނިންއެއް ބާއްވައިފި އެވެ.

މިއީ އެ އެއާޕޯޓްގައި ބަހައްޓާފައި ހުންނަ ޕާސަނަލް ސެކިއުރިޓީ ސްކޭނަރުގެ މެއިންޓަނަންސް ޓްރެއިނިންއެއް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ޑާސާ)އިން އިންތިޒާމްކޮށްގެން ބޭއްވި ތަމްރީނެކެވެ.

ޑާސާ އާއި އެމެރިކާގެ ޓްރާންސްޕޯޓް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޓީއެސްއޭ) ގުޅިގެން، މިދިޔަ މަހުގެ 29 އިން މި މަހުގެ 3 އަށް ބޭއްވި ޓްރެއިނިން ހިންގާފައިވަނީ އެއާޕޯޓްގައި ބޮޑީ ސްކޭނިން މެޝިންތައް ބަހައްޓާފައިވާ ކުންފުނި ކަމަށްވާ ރޯޑް އެންޑް ޝްވާޒްއިންނެވެ.

ވީއައިއޭގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި ބޭއްވި މި ޓްރެއިނިންގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 9 މުވައްޒަަކު ބައިވެރިވެ ފުރިހަމަކޮށްފައިވެ އެވެ.