ރާއްޖޭގެ އެކި ހިސާބުތަކުގައި ސިއްހީ ދާއިރާގެ 166 އުމްރާނީ ތަރައްގީގެ މަޝްރޫއެއް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްހީ ދާއިރާގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ސިއްހީ ދާއިރާ އަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެންމެ ގިނަ އަދަދަކަށް ހިނގާ އެއް ދާއިރާ ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ދާއިރާގެ 166 އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އެކި މަރުހަލާތަކުގައި ހިނގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މި މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުން ސީދާ ފައިސާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައް ވެސް ހިމެނޭ." ގީލާ ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ބމިއިން ކޮންމެ މަޝްރޫއަކީ ސިއްހީ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބި ރަށްރަށުގެ ސިއްހީ ހިދުމަތްތައް ވެސް އިތުރަށް ރަނގަޅުވާނެ މަޝްރޫއުތަކެއް ކަމަށެވެ.
"މީގެ ތެރޭގައި އެމްއާރްއައި މެޝިން ބެހެއްޓުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މުވައްޒަފުން ހަމަޖެއްސުމާއި، ދަތުގެ ފަރުވާއާއި ޑަޔަލަސިސްގެ ފަރުވާ ނުދެވި ހުރި ރަށްތަކުގައި އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތްތަކާއި، ސީޓީ ސްކޭން ގާއިމުކޮށްދިނުމާއި މިކަންކަން ދަނީ ކުރިއަށް." ގީލާ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިއީ ރައްޔިތުންނަށް ފުރިހަމަ ސިއްހަތެއް ކަށަވަރުކޮށް ދިނުމަށް ކޮންމެހެން ގާއިމުކޮށް ދޭން ޖެހޭ ހިދުމަތްތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒިގެ ދައުރުގައި ސަރުކާރުން އެކުލަވައިލާ ބަޖެޓުގައި އެންމެ ބޮޑު ޚަރަދެއް ކުރުމަށް ކަނޑައަޅާފައި ވަނީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށް ކަމަށެވެ. އެގޮތުން 2024 ގެ ބަޖެޓުގައި 1.7 ބިލިއަން ރުފިޔާ ބަޖެޓް ކުރެވުނު އިރު، މި އަހަރަށް މި އެ އަދަދު 1.9 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.