އައްޑޫގައި ގާއިކޮށްފައިވާ ކުނިން ހަކަތަ އުފައްދާ ޕްލާންޓް ހިންގަން އަމިއްލަ ފަރާތަކާ ހަވާލު ކުރަން ނިންމައިފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ 2023 ގައި ނިންމާފައިވާ ޕްލާންޓް މިހާތަނަށް ބޭނުން ނުކުރެވި ހުރި ނަމަވެސް އޭގެ ޙާލަތު ބަލަމުން އަންނަ ކަމަށެވެ. މިނިސްޓްރީން އެގޮތަށް ބުނި އިރު، އެ ޕްލާންޓްގެ މަރާމާތު ކުރަން ޖެހި، އެކަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީން ބީލަމަށް ވެސް ލި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ ވިދާޅުވީ ކުނިން ހަކަތަަ އުފައްދާ ޕްލާންޓް ގާއިމުކުރި އިރު، އެފަދަ ޓެކްނޮލޮޖީތައް ރާއްޖެ ގެނެސް ފަށައިގަންނަ އިރު އެކަމަށް ބޭނުންވާ ކެޕޭސިޓީ ނެތް ކަމަށެވެ.
އެހެންވެ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ އެ ޕްލާންޓް ޕަބްލިކް ޕްރައިވެޓް ޕާޓިނާޝިޕްގެ ދަށުން ހިންގުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި އެތަން އޮޕަރޭޓް ކުރަން ބަޔަކާ ހަވާލު ކުރާނެ ކަމަށް މުރުތަޟާ ވިދާޅުވި އެވެ.
ނަމަވެސް އެ ޕްލާންޓްގެ މަސައްކަތް ބަޔަކާ ހަވާލު ކުރެވޭނެ ވަކި މުއްދަތެއް އަދި ކަނޑައެޅިގެން ނޭނގޭ ކަމަށް އޭނަ ވިދާޅުވި އެވެ.
މި ޕްލާންޓް ހިންގަން އަމިއްލަ ބަޔަކާ ހަވާލު ކުރަން މި ސަރުކާރުން ނިންމި އިރު، އެ ޕްލާންޓްގެ އޮޕަރޭޝަންސް ކުރީގެ ސަރުކާރުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ވެމްކޯއާ ހަވާލުކުރި އެވެ.
ރާއްޖޭގެ އެއްމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ކޮމިޝަންކުރުމަށްޓަކާއި ވެމްކޯއަށް ވަނީ ހަވާލުކުރެވިފަ. pic.twitter.com/w2H5MTowog
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 6, 2023
ކުނިން ހަކަތަ އުފައްދާ އައްޑޫ ޕްލާންޓަކީ 1.5 މެގަވޯޓު ކަރަންޓު އުފެއްދޭ ޕްލާންޓެކެވެ. އަދި މިއީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޑިޒައިންކޮށްފައިވާ ޕްލާންޓެކެވެ. މިއީ ރާއްޖޭގައި ގާއިމުކުރި މިފަދަ ފުރަތަމަ ޕްލާންޓް ވެސް މެ އެވެ.
އައްޑު އާއި ފުވައްމުލަކުގެ ކުނި މެނޭޖް ކުރަން ހާއްސަކޮށްގެން ގާއިމުކުރި ޕްލާންޓަކީ ގްރީން ޓެކްސް ފަންޑުގެ ހަރަދުގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެގޮތުން އެ މަޝްރޫއަށް 16 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެންޓީ85 އެވެ.