ޔޫއޭއީގެ ޝާރްޖާ އިން ފުރައިގެން ޕާކިސްތާންގެ ކަރާޗީ އަށް ދަތުރުކުރި ކާގޯ މަތިންދާބޯޓެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފަސް މީހުންނާ އެކު ދަތުރުކުރި ކޭ2 އެއާވޭސްގެ ބޮއިން 737-400 މަރުކާގެ، ބޯޓާ ގުޅުން ކެނޑުނީ ރޭގެ ވަގުތެއްގަ އެވެ. އަދި ބޯޓާ ގުޅުން ކެނޑުމުގެ ކުރިން އޭގެ ނެވިގޭޝަން ސިސްޓަމަށް މައްސަލަތަކެއް ދިމާވިކަން ރިޕޯޓްކުރި ކަމަށް ޕާކިސްތާންގެ ރަސްމީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.
ކޭ2 އެއާވޭސް އަކީ 2019 ގައި އުފައްދައި 2024 އިން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ ކަރާޗީގެ ކާގޯ އެއާލައިނެކެވެ.
އެ އެއާވޭސްގެ ބޯޓެއް ގެއްލުނު ހާދިސާއާ ގުޅިގެން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޯޓަށްވީ ގޮތަކާ މެދު ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ތިބި ކަމަށެވެ. އެހެންވެ އެެއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ހޯދަން ޕާކިސްތާންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ކަމާބެހޭ އެހެން އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އެ ބޯޓް ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ވަޔާއި ކަނޑުމަގުން ވެސް ކުރަމުންނެވެ.