ލިޔުންތެރިން ވާން ޖެހޭނީ ގައުމަށް އަމާނާތްތެެރި ގައުމު ދެކެ ލޯބިވާ ބަޔަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދިވެހި ލިޔުންތެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައި ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނަކީ، އުނގަންނައި ދިނުމާއި ތެދު މަޢުލޫމާތު ފެތުރުމަށާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ.
އެހެންވެ ދިވެހި ބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކު ވެސް، ޙައްޤު ބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠަބު ކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާ ވެސް ފައިދާ ކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރި ވާނެ މި ޤައުމަށް ފާގަތި ވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމު ދެކެ ލޯބިވާ ބަޔަކަށް." އެ މަނިކުފާނު ވިދާޅުވި އެވެ.