ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ދެވޭގޮތަށް، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް، ހެލްތު މިނިސްޓަރު ގީލާ ޢަލީ ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް ކުޑޫ) ކުރެއްވި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކަމާއި ގުޅުން ހުރި އިދާރާތަކާ ގުޅިގެން، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އަދި އެ ޔުނިޓު ޤާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ޚިދުމަތާއި، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް ގީލާ ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެފަދަ ޚިދުމަތްތައް ރާއްޖޭގައި ފޯރުކޮށް ދިނުމަށް އެ ޔުނިޓުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ހިދުމަތް ގާއިމު ކުރުމަށް ބޭނުންވާ ބިން ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
"މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުން ހިމެނޭ." ގީލާ ވިދާޅުވިއެވެ.
ރާއްޖޭގަ ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމުގެ މައުލޫމާތު ޤާނޫނެއްގައި ބަޔާންކުރީ 2015 ގަ އެވެ. އޭގެ ފަހުން ތަފާތު ސަރުކާރުތައް އައި ނަމަވެސް އެ ޚިދުމަތް ޤާއިމްކުރަން މަސައްކަތްކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދުގެ މުއިއްޒުގެ ސަރުކާރުން އެ ޚިދުމަތް ރާއްޖޭގައި ގާއިމު ކުރާނެ ކަމަށް ވިދާޅުވި އެވެ.
ގީލާ ވިދާޅުވި ގޮތުގައި ޔުނިޓު އެކުލަވާލުމުގެ ކުރިން ފޮރެންސިކްޕެތޮލޮޖީގެ ޤަވާއިދު އެކުލަވާލައި، ގެޒެޓްކުރާނެ ކަމަށެވެ. އަދި ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ޚިދުމަތަކީ ރައްޔިތުން އިތުބާރު ކުރާ ހިދުމަތަކަށް ހަދަން ވަރަށް ބޮޑު ސަމާލު ކަމެއް ދޭނެ އެވެ.
ރާއްޖެ އިން ފާއިތުވި 10 އަހަރު ޕޯސްމޯޓަމް ހަދަން 23 ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވާފައިވެ އެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑަކަށް 55،000 ރުފިޔާ ހޭދަކޮށްފައިވެ އެވެ.