Last Updated: July 8, 21:12
Wednesday, July 8, 2026
މުނިފޫހިފިލުވުން

'މޮއާނާ' ދޫކޮށްލަން ތައްޔާރުވެއްޖެ

މީގެ 10 އަހަރު ކުރިން ޑިޒްނީ ގެނެސްދިން ކާމިޔާބު އެނިމޭޓެޑް ފިލްމު 'މޮއާނާ' ގެ ލައިވް-އެކްޝަން ފިލްމު އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

ހޮލީވުޑްގެ މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު، ފިލްމުގެ ޓީމުން އަންނަނީ ވަރަށް ފޯރީގައި ފިލްމު ޕްރޮމޯޓް ކުރަމުންނެވެ.

އަސްލު އެކްޓަރުންނާ އެކު 'މޮއާނާ' ޑައިރެކްޓްކުރީ ތޯމަސް ކައިލް އެވެ. އޭނަ އަކީ 2020 ގެ 'ހެމިލްޓަން' ގެނެސްދިން ޑައިރެކްޓަރެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ މިއުޒިކަލް އެޑްވެންޗާ 'މޮއާނާ' ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ ކެތެރީން ލަގައިއާ އެވެ. ދެން މީގެ އެންމެ މުހިއްމު އެއް ކެރްޓާ ކަމަށްވާ މައުއީގެ ރޯލު ކުޅެފައި ވަނީ މަޝްހޫރު އެކްޓަރު ޑްވޭން ޖޯންސަން (ރޮކް) އެވެ.

'މޮއާނާ' ގެ އިތުރު ކާސްޓުންގެ ތެރޭގައި ރެނާ އޮވެން، ޖޯން ޓުއީ، ފްރޭންކީ އެޑަމްސް އަދި ޖެމެއިން ކްލެމެންޓް ހިމެނެ އެވެ.

ޑިޒްނީން 2016 ގައި ރިލީޒްކުރި 'މޮއާނާ' އަކީ ޖޯން މަސްކާ އާއި ރޮން ކްލެމެންޓްސް ޑައިރެކްޓްކުރި ފިލްމެކެވެ. ޖުމްލަ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުންން ހެދި ފިލްމަށް އާމްދަނީގެ ގޮތުގައި 687.2 މިލިއަން ޑޮލަރު ލިބުނެވެ.

'މޮއާނާ' އަކީ 89 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ މަގާމަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ.