ފަލަސްޠީނުގައި ނުބައި ޒަޔަނިސްޓުން ހިންގަމުން ގެންދާ ގަތުލު ޢާންމުތަކާއި ޖަރީމާތަކާއި އަދިވެސް ދުނިޔޭގައި ހިންގަމުން ގެންދާ އަނިޔާވެރިކަމާއި އަޅާ ބަލާއިރު ބޯޅައެއް ފަހާ ދުވެގެން ކުޅޭ ކުޅިވަރެއްގައި ކަންތައް ހިނގާ ގޮތަކީ ޙަގީގަތުގައި އެއްވެސް ކަމެއް ނޫނެވެ.
ނަމަވެސް ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ އަޅުގަނޑުމެން އެންމެންހެންވެސް ހިމެނޭހެން މުޅި ދުނިޔޭގެ އެންމެން ފޯރިޔާއިއެކު ބަލާ އެއްޗަކަށްވާތީ އޭގައި ކަންތައް ހިނގާ ގޮތް ވަނީ އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މިވަގުތު މީހުންގެ ސަމާލުކަން ހޯދާފައެވެ.
ތިރީގައި މިވަނީ އެމެރިކާގެ އެނަލިސްޓެއް ކަމުގައިވާ އަޙްމަދު ރެޙާބް ފާހަނގަ ކުރައްވާފައިވާ ބައެއް ނުގުތާތަކެވެ.
"ކޮންސްޕިރަސީ ތިއަރީތައް" ނުވަތަ ޢާންމުންނަށް ނޭނގޭނޭފަދަޔަކުން ދުރާލައި ރާވައިގެން ބަޔަކު ކަންތަކެއް ހިންގާކަމުގައި މާބޮޑަށް ގަބޫލުކުރުމަކީ ސިކުނޑީގެ ސިއްޙަތަށް ފައިދާހުރި ކަމެއްް ނޫނެވެ. ރޭގައި އާޖެންޓީނާއާއި ދެކޮޅަށް ކުޅުނު މެޗްގައި މިޞްރު 2-0 އިން ކުރީގައި އޮއްވާ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ފުރުޞަތު ގެއްލިގެން ދިއުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭނީ ޚުދު މިޞްރުން ކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެއީ ކޮންމެ ޙާލަތެއްގައި ކަންތައްތައް ހިނގިކަމުގައި ވިޔަސް މެއެވެ.
ނަމަވެސް، އަޅުގަނޑުމެންނަށް ރޭގައި ފެނިގެން ދިޔައީ ލަދުވެތި މަންޒަރެކެވެ. މިޞްރުގެ ޓީމަށް މަޖުބޫރުވީ ހަމައެކަނި އާޖެންޓީނާއާ ދެކޮޅަށް ކުޅޭކަށެއް ނޫނެވެ. ރެފްރީ އާއި ވީއޭއާރް (VAR) ވެސް ކުޅުނީ މިޞްރާއި ދެކޮޅަށެވެ. މިއީ ކުޅުންތެރިންގެ ނަފްސާނީ ޙާލަތަށް ވަރަށް ބޮޑަށް އަސަރުކުރާނޭ ފަދަ ކަންކަމެވެ.
ފުޓުބޯޅައިގެ ނިންމުންތަކުގައި (Consistency) "އެއްހަމައެއް ހިފެހެއްޓުމާއި" "އިންސާފުވެރިވުމަށް" އެދުމަކީ އެހާ ބޮޑު ކަމެއް ހެއްޔެވެ؟ އިންޞާފުވެރިގޮތެއްގައި ބަލައިފި ނަމަ، ރޭގެ މެޗުގައި ރެފްރީންގެ ނިންމުންތަކުގައި އެއްހަމައެއް ނެތްކަން ވަރަށް ރަނގަޅަށް ފެންނަން އެބަހުއްޓެވެ.
އުފެދޭ ސުވާލަކީ، މިއީ ކުރިން ވެސް ރާވައިގެން ވަކި ނަތީޖާއެއް ނެރުމަށްޓަކައި ގަސްދުގައި ކުރި ކަމެއް ހެއްޔެވެ؟ ޢާއްމު ޙާލަތެއްގައި ނަމަ މިއީ ގަބޫލުކުރަން ދަތި ވާހަކަޔަކަށް ވެދާނެއެވެ. ނަމަވެސް ފީފާގެ ޙައްދެއް ނެތް ކޮރަޕްޝަނާއި ގުޅޭގޮތުން ހެކިތައް ފާޅުގައި ފެންނަން ހުރިއިރު، އެމީހުން މިފަދަ ކަމެއް ނުކުރާނެއޭ ބުނެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟
ފީފާ އިން މިފަހަކުން ހިންގާފައިވާ ނޭއްގާނީ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތަކަށް ބައްލަވާލަމާ ހިންގަވާށެވެ:
● ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރަޝިޔާ ސަސްޕެންޑް ކުރި ނަމަވެސް، ފާޅުގައި ގަތުލުއާންމު ހިންގަމުންދާ އިޒްރޭލާ ދެކޮޅަށް ފިޔަވަޅު ނޭޅީ "ކުޅިވަރާއި ސިޔާސަތު ނުގުޅުވާނެ" ކަމަށް ބުނެއެވެ.
● ޓްރަމްޕް އެތައް ގައުމު ތަކެއްގައި ހަނގުރާމަ ކުރަމުން ދަނިކޮށް، އޭނާ ހިތްހަމަޖައްސައިދިނުމަށްޓަކައި ޚާއްޞަކޮށް އުފެއްދި "ސުލްހައިގެ އެވޯޑެއް" ފީފާއިން އޭނާއަށް ދިނެވެ.
● އިޒްރޭލާއި ޒަޔަނިސްޓުންނަށް އާދަޔާއި ޚިލާފަށް ތާއީދުކުރާ އާޖެންޓީނާގެ މެސީ އަކީ ޝައްކެއްނެތް ގޮތުގައި މިވަގުތު ދުނިހޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާއެވެ. ނަމަވެސް އޭނާ ވަނީ އެއްވެސް ޙާލަތެއްގައި ފިޔަވަޅު ނޭޅޭ "އަތްނުލެވޭ" ކުޅުންތެރިއެއްގެ ގޮތުގައި ހަދާފައެވެ. ފުރަތަމަ މެޗުގައި އޭނާއަށް ރަތް ކާޑު ދައްކަން ޖެހޭ ޙާލަތު އައިކަމުގައި ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް އެކަމެއް ނުކުރެއެވެ.
● އޮސްޓްރިއާ އާއި ދެކޮޅަށް އާޖެންޓީނާ ޖެހި ގޯލުގެ ކުރިން ފައުލެއް ހިންގި ނަމަވެސް އެ ގޯލު ބަލައިގަތެވެ. ނަމަވެސް މިސްރުން ޖެހި މޮޅު ގޯލު ބާޠިލުކުރީ 17 ސިކުންތު ކުރިން، 100 ޔާޑު ދުރުގައި، އަދި އާޖެންޓީނާގެ 6 ކުޅުންތެރިން ފަހަތުގައި ތިއްބައި ހިނގި ކަމަކަށް ބަލައިގެންނެވެ.
● ފީފާގެ މެމްބަރު ޤައުމެއް ކަމުގައިވާ އީރާނަށް ބޮން އަޅަމުންދިޔަ އެމެރިކާއިން، އީރާނުގެ ފުޓުބޯޅަ ޓީމަށް ދަތިކޮށް، މެޗްތައް ކުޅެން އެތެރެވުމަށާއި ބޭރުވުމަށް ހުރަސް އެޅިއިރުވެސް ފީފާ އޮތީ ބަލާށެވެ.
● ޓްރަމްޕް ގަޔާނުވާ ގައުމެއް ކަމުގައިވާ ސޯމާލިއާޔަށް ނިސްބަތްވާ ފީފާގެ ރެފްރީން މެޗުތަކުން ބޭރުކުރުމުގެ ފުރުޞަތު ދިނެވެ.
● އެމެރިކާގެ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑު ޓްރަމްޕްގެ އެދުމަށް ބާތިލުކުރިއެވެ.
ވަކި ޓީމެއް ނުވަތަ ކުޅުންތެރިޔަކު މުބާރާތުން ކަޓައިފި ނަމަ އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ވާނެތީ، ފީފާ ފަދަ ކޮރަޕްޓް ޖަމްޢިއްޔާ އަކުން، ގަސްދުގައި ވަކި ބަޔަކަށް ފަހިކޮށްދިނުމަކީ ނުވާނޭ ކަމެއް ހެއްޔެވެ؟
ފުޓުބޯޅަޔަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާހިތްވާ ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރެވެ. މިހާތަނަށް އެ ކުޅިވަރުގެ މުބާރާތްތައް ކުޅެވެމުންއައީ ކިތަންމެ އުނި ކަންތައް ތަކެއް ހުއްޓަސް މައިގަނޑު ގޮތެއްގައި "ފެއަރ ޕްލޭ " ނުވަތަ އިންޞާފުގެ އުޞޫލުންނެވެ. ފުޓުބޯޅައިގެ ހިތް ގައުމު ކަމަކީވެސް އެއީ އެވެ. ނަމަވެސް ފީފާއިން މިއަދު ވަނީ އެ ތަޞައްވުރު ފުނޑުފުނޑު ކޮށްލާފައެވެ.
ފީފާ އަކީ މިއަދު ލަދުވެތި ޖަމްޢިއްޔާއެކެވެ.
ނޯޯޓް: މިއީ ޑރ. މައުރޫފް ހުސައިންގެ ލިޔުއްވުމެކެވެ.