Last Updated: July 8, 21:12
Wednesday, July 8, 2026
މުނިފޫހިފިލުވުން

'ކިންގް' އަކީ ޝާހްރުކްގެ އެންމެ އަގުބޮޑު ފިލްމު

މި އަހަރުގެ ޑިސެންބަރުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ 'ކިންގް' އަކީ އޭނަގެ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިދިޔަ އަހަރުން ފެށިގެން ޝޫޓިން ކުރިއަށްދާ އެކްޝަން ތުރިލާގެ ބަޖެޓަކީ 450 ކްރޯޑް ރުޕީސް (47.1 ކްރޯޑް ރުޕީސް) ކަމަށެވެ. މީގެ ކުރިން އެންމެ ބޮޑު ބަޖެޓަކުން ގެނެސްދިން ޝާހްރުކްގެ ފިލްމަކީ އޭނަ އަށް އަލަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2023 ގެ އެކްޝަން ތުރިލާ 'ޖަވާން' އެވެ. އެ ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (32 މިލިއަަން ޑޮލަރު) އެވެ.

އިންޑިއާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް މަންޒަރުތައް ނަގާ 'ކިންގް' އަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓާއި އޭނަގެ 2023 ގެ ފިލްމު 'ޕަތާން' ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ނިމުމަކަށް އަންނަ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޑިސެންބަރު 24 ގަ އެވެ.

'ކިންގް'ގެ ކާސްޓްގައި ޝާހްރުކްގެ ދަރިފުޅު ސުޙާނާ ޚާންގެ އިތުރުން ދީޕިކާ ޕަދްކޯން އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، އަރްޝަދު ވަރްސީ، ޖެކީ ޝްރޮފް، ރާގަވް ޖުޔަލް، އަބޭ ވަރުމާ، ސޯރަބް ޝުކްލާ، އަނިލް ކަޕޫރް، ޖައިދީޕް އަހުލުވާތު، އަކްޝޭ އޮބެރޯއީ، ކަރަންވީރް މަލްއުތުރާ އަދި ފަހީމް ފަޒްލީ ހިމެނެ އެވެ.

ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ 'ޑަންކީ' އެވެ.