މީހެއްގެ އަޚްލާޤު ރަނގަޅުވާ ނެ އެއް ގޮތަކީ މީސްތަކުންނާ މެދު އޭނާގެ ޚުލްޤު ހެޔޮވުމެވެ. މީސްތަކުންނަށް ކަމޭހިތާ އިޙްތިރާމުކޮށް ޙައްޤުތައް ފުރިހަމައަށް ދީ އަދާކުރުމެވެ. އަދި އަޚްލާޤު ރަނގަޅު ވާނެ އަނެއް ގޮތަކީ މާތް الله އާ މެދު އޭނާގެ ޚުލްޤު ހެޔޮވުމެވެ. އެއީ އެ އިލާހު އޭނާ އަށް ކުރުމަށް އަމުރު ކުރައްވާފައިވާ ކަންކަމާއި ނަހީ ކުރައްވާފައިވާ ކަންކަމަށް ސިއްރާއި ފާޅުގައި ރައްކާތެރިވުމެވެ.
ރަނގަޅު އަޚްލާޤަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާ ސިފައެކެވެ. އެންމެހާ ހެޔޮކަންކަން ހިމެނިގެން ދަނީ ރަނގަޅު އަޚްލާޤުގެ ތެރެއިންނެވެ. އަޅާ އޭނާގެ އަޚްލާޤު ރަނގަޅުކޮށްފި ކަމުގައިވާ ނަމަ އޭނާ ދެކެ މާތް الله ލޯބިވެވޮޑިގެންވާނެ އެވެ. އަދި މީސްތަކުން ވެސް އޭނާދެކެ ލޯބިވާނެ އެވެ. އެ އަޅެއް ދެކެ މާތް الله ލޯބިވެވޮޑިގެންފި އަޅެއް އެ އިލާހު ސުވަރުގެ ވައްދަވާނެ އެވެ. އަދި އެ އިލާހުގެ ރުއްސެވުން އެ އަޅަކަށް ދެއްވާނެއެވެ. އަދި މީސްތަކުން އެ މީހެއް ދެކެ ލޯބިވެއްޖެ މީހަކަށް އެމީހުންގެ ތެރޭގައި އޭނާއަށް އުފާވެރިކަމާއެކު ދިރިއުޅެވޭނެ އެވެ.
އައްނައްވާސް ބިން ސަމްޢާނު އަލްއަންޞާރީ رضي الله عنه ރިވާކުރެއްވިއެވެ. މާތް الله ގެ ރަސޫލާ ﷺ އަރިހުގައި ހެޔޮ ކަންކަމާއި އަދި ފާފައާއި ބެހޭ ގޮތުން ސުވާލު ކުރީމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. «الْبِرُّ حُسْنُ الْخُلُقِ، وَالْإِثْمُ مَا حَاكَ فِي صَدْرِكَ، وَكَرِهْتَ أَنْ يَطَّلِعَ عَلَيْهِ النَّاسُ». أخرجه مُسْلِمٌ. “ހެޔޮކަމަކީ، އަޚްލާގު ރަނގަޅުވުމެވެ. އަދި ފާފައަކީ، ހިތުގައި ނުތަނަވަސްކަން އުފައްދާ، އަދި (އެ ފާފައިގައި ތިބާ ވަނިކޮށް) އެހެން މީހުންނަށް ފެންނަން ތިބާ ނޭދޭ ކަންކަމެވެ.”
މި ޙަދީޘުން ދޭހަކޮށްދޭ އަނެއް ކަމަކީ ފާފައިގައި ދެ ޢަލާމަތެއް ވާކަމެވެ. އެތެރެފުށުގެ ޢަލާމާތަކާއި ބޭރުފުށުގެ ޢަލާމާތެކެވެ.
އެއީ:
އެތެރެފުށުގެ ޢަލާމާތް: (ފާފައިގެ ސަބަބުން) ހިތުގައި ނުތަނަވަސްކަން އުފެއްދުން.
ބޭރުފުށުގެ ޢަލާމާތް: އެ ފާފައިގައި ތިބާ ވަނިކޮށް އެހެން މީހުންނަށް ފެންނަން ތިބާ ނޭދުން. ފާފައިގެ ސަބަބުން މީސްތަކުންގެ ތެރޭގައި އެ ވާހަކަ ދެކެވި، ތިބާ އަކީ އެވެނި މިވެނި ފާފައަކަށް އަރައިގަންނަ ނުވަތަ އަރައިގަނެފައިވާ މީހެއް ކަމުގައި މީހަކު ބުނާ އަޑު އަހާކަށް ނޭދޭނެ އެވެ. އަދި އެފަދަ ކަމެއް ވެދާނެ ކަމަށް ބިރުވެތި ވެސް ވާނެ އެވެ.
އެހެންކަމުން ހެޔޮ ކަންކަމުގެ އަހުލުވެރިޔާ ހިތްހަމަޖެހިގެން ވާނެ މިންވަރު ވިސްނާލައްވާށެވެ!
ފާފަ އަކީ ޙަޤީޤަތުގައި ފިޠުރަތާ ވެސް ފުށޫ އަރާ ކަމެކެވެ. އަހަރެމެން އަބަދު ވެސް އެދެނީ މީސްތަކުންނަށް އަހަރެމެންނާ މެދު ކަމެއް އެނގެންޏާ ރަނގަޅުކަންކަން އެނގޭށެވެ! ނުބައި ކަންކަން އެނގެން އެއްވެސް (ފާފަވެރި) މީހަކު ބޭނުމެއް ނުވާނެ އެވެ. އެހެންކަމުން ބައެއް މީސްތަކުން ކޮށް އުޅޭ ފަދައިން ފާފަތަކުގެ ވާހަކަ މީސްތަކުންގެ ގާތުގައި ދައްކާ އެކަންކަން ފާޅުކޮށް އުޅުމަކީ ސަލާމާތް ފިޠުރަތާ މާ ބޮޑަށް ވެސް ފުށޫއަރާ ކަމެއްކަން އެނގެ އެވެ.
ނޯޓް: މިއީ ޝައިޚް އަޙްމަދު ޙުސައިންގެ ލިޔުއްވުމެކެވެ.