ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ގަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައިގައި، އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދަޢުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ، ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5000 އަކަފޫޓުގެ ބިމެއް ގަވާއިދާ ޚިލާފަށް އެރަށު ކައުންސިލުން ދިން މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.
އޭސީސީން ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން، 517 ވަނަ މާއްދާގެ (ހ)ގެ ދަށުން، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދު އާއި، ނައިބު ރައީސް އަޙްމަދު އިމްދާޙުގެ އިތުރުން، އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާގެ މައްޗަށެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 20 އެޕްރީލް 2026 ގައެވެ.