Last Updated: July 8, 21:12
Wednesday, July 8, 2026
ޚަބަރު

ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް

ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) އާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރުގެ ދައުވަތަކަށް މިނިސްޓަރު ސަޢީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރާއެކު މަޝްވަރާތައް ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި އިޤްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން، އިންޑިއާ-ރާއްޖެ ފްރީ ޓްރޭޑް އެގްރީމަންޓްގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަން އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ބާޒާރުތަކަށް ފަސޭހައިން ވަދެވުމުގެ ފުރުސަތު ހުޅުވި، ވިޔަފާރީގެ ހުރަސްތައް ނެތިގެންގޮސް، ދެ ގައުމުގެ ވިޔަފާރިވެރިންނަށާއި އިންވެސްޓަރުންނަށް އާ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ. އަދި ދެ ގައުމުގެ ސަރުކާރުންވެސް އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާކަން މި މަޝްވަރާތަކުން ރަމްޒުކޮށްދޭ ކަމަށް ބަޔާނުގައިވެއެވެ.

އިންޑިއާގެ ކޮމާސް މިނިސްޓަރުގެ ދައުވަތަކަށް ކުރެއްވި މި ދަތުރުފުޅުގައި މިނިސްޓަރ ސައީދުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އައިޝަތު އަޒީމާއާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ހައިކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.