އިރާނުގެ ސުޕްރީމް ލީޑަރު، ޝަހީދު އާޔަތުالله އަލީ ހަމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނީ އިރާނުން ޕްރޮޓްކޯލަށް ގެނައި ބަދަލެއްގެ ސަބަބުންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަމަނާއީ އަވަހާރަވުމާ ގުޅިގެން މިމަހުގެ ތިންވަނަ ދުވަހު އެ މަނިކުފާނުގެ ރަސްމީ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ދީފައިވާ ކަމަށެވެ.
ރާއްޖެއިން ވަނީ އެ ދައުވަތު ގަބޫލުކޮށް ހަމާނާއީގެ ޖަނާޒާގައި ބައިވެރިވުމަށް ނިންމައި، ރާއްޖެއިން ސައުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު، އެ ޖަނާޒާއަށް ވަޑައިގަންނަވާނެކަން، އީރާނަށް އަންގާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައިވަނިކޮށް އިރާން އެމްބަސީން އަންގަވާފައިވަނީ ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލު މިހާރު ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި މި މައުލޫމާތު ލިބުމާގުޅިގެން، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނެވެ" ފޮރިން މިނިސްޓްރީން ބުންޏެވެ.
ތެހްރާންއަށް ދިއުމުގެ ފުލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާކަމަށާއި، ސްޓޭޓް މިނިސްޓާ ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ، ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމަށްވާތީ، ސްޓޭޓް މިނިސްޓަރެއް އެ ޖަނާޒާގައި ބައިވެރިކުރުމަށް ރާއްޖެއިން ނިންމި ނިންމުމަށް އިރާން ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"އަދި އެ ދަތުރުފުޅު މި ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް ލަފާދެއްވިއެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.
ހަމާނާއީ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްވަނީ އިރާންގެ ފޮރިން މިނިސްޓަރަށް ތައުޒިޔާ ފޮނުއްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.