Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ދަތުގެ ފަރުވާގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށްދޭނަން

ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފި އެވެ.

ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ހިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

އަދި މިފަދަ ޚާއްޞަ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަކުރާރުކުރެއްވި އެވެ.

މިމޭރުމުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވަނީ ރާއްޖޭގެ ދަތުގެ ފަރުވާގެ ހިދުމަތަކީ މުޅި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ޚިދުމަތަކަށް ވެގެންދިއުމުގެ އުންމީދު އައުކުރައްވަމުންނެވެ.